ހަސަންބެގެ ހިޔާލަށް ތާއީދު ކުރަންތަ؟

ހަސަންބެއާ މީގެ ހަފްތާއެއްހާ ދުވަސްކުރިން ދިމާވި އެވެ. ހަސަންބެ ދަނީ ކޮންތަނަކަށްތޯ ސުވާލުކޮށްލުމުން، މިދަނީ ޕެންޝަން އޮފީހަށޭ ބުނެ ހަސަންބެގެ ދަތުރުގެ ތަފްސީލް ދޭން ފެށި އެވެ. ހަސަންބެގެ ވާހަކަތައް އަޑުއަހާލުމުން އެނގުނީ ހަސަންބެގެ މުސާރައިން ޕެންޝަނަށް ފައިސާ ދައްކަންޖެހޭތީ އެކަމާ ނުރުހިގެން އުޅޭ ކަމެވެ.


އޭނާގެ އުމުރުން 60 އަހަރު ވެފައިވާއިރު ވަޒީފާ އަދާކުރާ ތިން ކުދިން ވެސް އެބަތިއްބެވެ. ދިރިއުޅުމުގެ ގިނަކަންކަން މިހާރު ވެސް ބަލަހައްޓަނީ އެ ކުދިންނެވެ. އާމްދަނީ ލިބޭ ދަރިން ތިބި މީހަކު ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ އޮތީ ކޮން ބޭނުމެއްތޯ އޭނާ ސުވާލު ކުރި އެވެ. ހަސަންބެގެ ވާހަކައިގައި ބައިވެރިވުމުގެ ގޮތުން އާނއެކޭ ބުނެ އޭނާގެ ދަރިންގެ ހާލު އޮޅުންފިލުވާލީމެވެ. ހުރިހާ ކުދިން ވެސް ރަނގަޅު ކަމަށް ބުންޏެވެ. އަދި އެންމެން ވެސް މިހާރު ދިރިއުޅެނީ މާލޭގައި ކަމަށް ބުންޏެވެ.

ދަރިންގެ ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް މާލޭގެ ކުލި ބޮޑުކަމުގެ ވާހަކަ ފެށި އެވެ. ކުއްޔާއި ތަކެތީގެ އަގު ބޮޑުކަމުން މާލެގައި ދިރިއުޅުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫންކަމާއި އޭގެ ސަބަބުން އޭނާގެ ދަރިން ތަހައްމަލު ކުރަމުންދާ އުނދަގޫތަކުގެ ވާހަކަ ކިޔައިދިނެވެ. އަަދި ހަސަންބެއަކީ ބައްޔަކަށް ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ މީހެއްކަމުން، ބޭސްފަރުވާ އަށް އިންޑިޔާ އަށް ދާންޖެހޭ ދުވަސް ކައިރިވެފައި ވީނަމަވެސް ބޭނުންވާ ވަރަށް ލާރި އެއްނުކުރެވޭ ވާހަކަ ބުންޏެވެ.

މިހެން ބުނުމުން ހަސަންބެ އެކާމާ ނުވިސްނިޔަސް ދަރިން އެކަން ހަމަޖައްސާނެ ނޫންތޯ ސުވާލު ކުރީމެވެ. ޖަވާބަކަށްވީ އެ ކުދިންނަށް ވެސް އަދި އެވަރު ނުވެގެން އުޅޭ ވާހަކަ އެވެ. މިހެން ބުނުމުން ޕެންޝަންގެ ވާހަކަ އަލުން ފަށައި ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ މުސްތަގުބަލުގައި ދަރިންނަށް ހޯދައިދެވޭނެ ލުޔެއް ކަމުގައި ނުދެކެންތޯ ސުވާލުކޮށްލީމެވެ. އަދި، ވަޒީފާއިން މުސްކުޅިވާ ދުވަހު ޕެންޝަންގެ ގޮތުގައި ރަނގަޅު އެއްޗެއް ލިބޭ ނަމަ ބޭސްފަރުވާ އަށް ދަތުރުކޮށްލުން ފަދަ ކަންކަން ދަރިންނަށް ބަރޯސާނުވެ ކޮށްލެވޭނެ ނޫންހޭ ބުނެލީމެވެ. ހަސަންބެގެ ރާގު ކުއްލިޔަކަށް ބަދަލުވެ ޕެންޝަން ދެނީ ސަރުކާރުން ނޫންހޭ، އެކަމަށް އަހަރެމެންގެ މުސާރައިން ފައިސާ ކެނޑުމުގެ ބޭނުމެއް ކޮބައިހޭ، ދެން ގޮސްލަނީއޭ ބުނެ ހަސަންބެ ހިނގައިގަތެވެ.

މިއީ ހަސަންބެ ފަދަ އެތައް ބައެއްގެ ފަރާތުން ޕެންޝަނާ މެދު އިވެންމުންދާ ވާހަކަތަކެކެވެ. މިދިޔަ އަހަރު ޕެންޝަން އޮފީހުން ކުރި ސާވޭއެއްގައި ބައިވެރިވި މީހުންގެ 86 ޕަސެންޓް މީހުން، ޕެންޝަނަށް ފައިސާ ރައްކާކުރަން ޖެހޭކަން ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. އޭގެތެރެއިން 62 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ރިޓަޔަމަންޓަށް ފައިސާ ރައްކާ ކުރުމަކީ ދައުލަތުން ނުވަތަ އާއިލާއިން ނުވަތަ ވަޒީފާ ދޭ ފަރާތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މީގެތެރެއިން 53 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ސަރުކާރު، ނުވަތަ ދައުލަތެވެ.

ޕެންޝަނަށް ފައިސާ ރައްކާކުރުމުގެ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ދައުލަތް ނުވަތަ ސަރުކާރު ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އެންމެ ބޮޑު އެއް ސަބަބަކީ އުމުރުން 65 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދައުލަތުން އަސާސީ ޕެންޝަން ފޯރުކޮށްދެމުން ދިއުމާއި، ދިރިއުޅުމުގެ ހަރަދުތައް މައްޗަށްދާ މިންވަރަށް ބަލައި އަސާސީ ޕެންޝަނުގެ ގޮތުގައި ދެވޭ އަދަދަށް ބަދަލު ގެންނަ ގޮތަށް ޕެންޝަން ގާނޫނުގައި އޮންނަ އޮތުމާ ހިލާފަށް، އެފަދަ ކަންކަމަށް ބެލުމެއްނެތި ޕެންޝަނުގެ އަދަދު މަތިކުރަމުންދާ ދިއުމާއި ޕެންޝަން ގާނޫނަށް އަމަލުކުރަން ފެށުމަށް ފަހު ވެސް ޕެންޝަން ގާނޫނުގެ ބޭރުން ދައުލަތުގެ ހަރަދުގައި ޕެންޝަން ފޯރުކޮށްދެމުންދާ ދިއުން ކަމުގައި ބެލެވިދާނެ އެވެ.

މީގެ އިތުރުން، ޕެންޝަން ފޯރުކޮށްދިނުމަށް ދައުލަތުން ކުރާ ޚަރަދާއި އާބާދީ އަށް އަންނަ ބަދަލަށް ބަލާއިރު ޕެންޝަން ދިނުމުގައި މިހާރު އަމަލުކުރެވެމުންދާ އުސޫލުން ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ފޯރުކޮށްދެމުން ދިއުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެކޭވެލެއް މަދުކަމީ ވެސް މިކަމުގެ ސަބަބެއް ކަމުގައި ބެލެވިދާނެ އެވެ.

ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު، ޕެންޝަން އޮފީހުން 2015 ވަނަ އަހަރު ޝާއިއުކޮށްފައިވާ އީބުލެޓިންގައި ޔޫއެންއެފްޕީ އަދި ޔޫއެން ޕޮޕިއުލޭޝަން ޑިވިޝަންގެ ތަފާސްހިސާބުތަކަށް ހަވާލާދީ ހަދާފައިވާ ރާއްޖޭގެ އާބާދީގެ އާންދާޒާގައިވާ ގޮތުން 2024 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގައި 65 އަހަރުން މަތީގެ އުމުރުފުރާގެ ޙިއްޞާ ހަތް ޕަސެންޓަށް އުފުލި، 2050 ވަނަ އަހަރާ ހަމައަށް ދާއިރު މިނިސްބަތް 18 ޕަސެންޓަށް އުފުލިގެން ދާނެކަމަށް ލަފާކުރެވެ އެވެ.

މަސައްކަތް ކުރާ އުމުރުފުރާގެ ނިސްބަތް 2024 ވަނަ އަހަރު އަންނައިރު 73 ޕަސެންޓްގައި ހުރުމަށްފަހު، 2050 ވަނަ އަހަރާ ހަމައަށްދާއިރު 66 ޕަސެންޓަށް ތިރިވެގެން ދާނެ ކަމަށް ލަފާކުރެވެ އެވެ. އަދި، ލަފާކުރެވޭ ގޮތުގައި 2050 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ރިޓަޔާ ކޮށްފައިވާ 88000 މީހުން ތިބޭނެ އެވެ. މި އަދަދަކީ އާބާދީގައި އޭރު މަސައްކަތްކުރާނެ ކަމަށް ލަފާކުރެވޭ ކޮންމެ ތިން މީހަކަށް ރިޓަޔާ ކޮށްފައިވާ އެކަކު ޖެހޭނެ ޢަދަދަކެވެ.

އާބާދީގައި ރިޓަޔާ ކުރާ މީހުންގެ ނިސްބަތް މިގޮތަށް އުފުލިގެންދާއިރު، ދައުލަތުން ޕެންޝަން ފޯރުކޮށްދިނުމަށް ކުރާ ޚަރަދަށް ބަލާނަމަ ވޯލްޑް ބޭންކްގެ އެޗްޑީއެންއެސްޕީ ޕެންޝަން ޑޭޓާބޭސްގެ ހިސާބުތައް ދައްކާގޮތުން، ރާއްޖެއަކީ މި ސަރަޙައްދުގެ ނިސްބަތުން ވެސް ޕެންޝަނަށް އެންމެ ބޮޑަށް ޚަރަދުކުރާ ގައުމެވެ. ދިވެހިރާއްޖެއާ ބެހޭގޮތުން އދ. ގެ ޕޮޕިއުލޭޝަން ޑިވިޜަނުން ޢާންމުކޮށްފައިވާ ހިސާބުތަކާއި، ދައުލަތުން ދެމުންގެންދާ ޕެންޝަންތަކުގެ ތެރެއިން ހަމައެކަނި އަސާސީ ޕެންޝަނާއި، ސީނިއަ ސިޓިޒަން އެލަވަންސް ދިނުމަށް ދައުލަތުން 2050 ވަނަ އަހަރުގެ ނިޔަލަށް ކުރާނެ ހަރަދުކަމަށް ޕެންޝަން އޮފީހުން ހަދާފައިވާ އަންދާޒާ އަށް ބަލާއިރު 2015 ވަނަ އަހަރުން ފެށިންގެ ކުރިޔަށް އޮތް 10 އަހަރުތެރޭ ދައުލަތުން އެވަރެޖްކޮށް އަހަރަކަށް 1.3 ބިލިޔަން ރުފިޔާ ޚަރަދު ކުރާނެ ކަމަށް ބެލެވެ އެވެ. ދެހާސް ފަންސާސް ވަނަ އަހަރާ ހަމަޔަށް ދާއިރު މިއަދަދު ފަސް ބިލިޔަށް ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ރާއްޖޭގެ ޕެންޝަން ނިޒާމު މިހާރު ފަރުމާ ކުރެވިފައިވާ ގޮތުން އަސާސީ ޕެންޝަންގެ ގޮތުގައި ދޭންޖެހޭ ފައިސާ އާއި ސީނިއަ ސިޓިޒަން އެލަވަންސް އާއި ދައުލަތުގެ އެކި އެކި މުއައްސަސާތަކުން ވަޒީފާއިން މުސްކުޅި ކުރުމާ ގުޅިގެން މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެނީ ސީދާ ދައުލަތުގެ ބަޖެޓުން ކަމަށްވެފައި، އާބާދީގައި އުމުރުން ދުވަސްވެފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ނަމަ، ދައުލަތުގެ ބަޖެޓަށް ކުރިޔަށް އޮތްތަނުގައި ބާރު ބޮޑުވެ، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކަންތައްތައް ކޮށްފައިވާ އުސޫލުން ޓެކްސް އިތުރުކުރުން ނުވަތަ ރިޓަޔާކުރާ އުމުރު މަތިކުރުން ފަދަ ކަންތައްތައް ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ކަންމިހެން އޮތުމާއެކު ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި ދޫކޮށްލުމުގެ ބަދަލުގައި އެކަމުގައި އަމިއްލަ ފަރުދުންގެ ދައުރެއް އޮތްކަން ގަބޫލުކޮށް، ޕެންޝަނަށް ފައިސާ ރައްކާކުރުމަކީ ތިމާގެ އިތުރުން އާއިލާ އާއި މުޅި މުޖުތަމައަށް ވެސް އޭގެ ފައިދާ ކުރާނޭ ކަމެކެވެ.

މިކަންކަމަށް ނަޒަރު ހިންގައި ވިސްނާލުމުން ހަސަންބެގެ ހިޔާލަށް ތާއީދު ކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. އެހެންވެ މިސުވާލު ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.