ސަރުކާރުގެ އެދުމާ އެކު ސްރީ ލަންކަންގެ އައްޑޫ ދަތުރުތައް ހުއްޓާނުލަން ނިންމައިފި

އައްޑު އަށް ސްރީ ލަންކަން އެއާލައިންސުން ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމާފައި ވިޔަސް، ސަރުކާރުގެ އެދުމާ އެކު، އެކަން ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.


އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ދަތުރުތައް ހުއްޓާނުލަން ނިންމީ މިހާރު ދިމާވަމުން ދާ ދަތިތަައް ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނުމުން ކަމަށެވެ.

އައްޑު އަށް ކުރާ ދަތުރުތައް މި އަހަރުގެ އޭޕްރީލް މަހަށް ފަހު ހުއްޓާލަން ސްރީ ލަންކަން އިން ނިންމީ ބޮޑެތި ދަތިތަކެއް ހުރުމުން ކަމަށް، އޭސް އިން ކުރިން ބުނެފައިވެ އެވެ.

ފިރާގު ވިދާޅުވީ ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ބާއްވަމުން ދިޔައީ ގެއްލުމާ އެކު ބޮޑެތި ދަތިތަކާ ވެސް އެކީ ކަމަށެވެ. އެގޮތުން، އައްޑޫ ގައި ހިދުމަތްތައް ފުޅާނުކުރެވުމަކީ އެއާލައިނަށް ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފުވައްމުލަކާއި ހުވަދު އަތޮޅުން ސްރީ ލަންކަން އިން ދަތުރުކުރަން ބޭނުންވާ މީހުންނަށް ގަމަށް ދެވޭނެ ފަސޭހަ ގޮތެއް ނެތުމުގެ އިތުރުން ގަން އެއާޕޯޓްގެ އިމިގްރޭޝަނުގައި ހުރި މައްސަލަތައް ވެސް ހުރަހަކަށް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރާގް ވިދާޅުވި ގޮތުގައި އިމިގްރޭޝަނުގެ ދަތިތަކާ ހެދި ދަތުރުވެރިންނަށް ހިދުމަތް ދޭން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ.

އޭނާ ވިދާޅުވީ މިހާރު ދިމާވާ ދަތިތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އައްޑޫ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްފި ނަމަ އިތުރު ސަރަހައްދުތަކަށް ދަތުރުތައް ކުރުމަށް ވިސްނާކަމަށް ވެސް ފިރާގު ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ގަމުން އެހެން ހިސާބުތަކަށް ދަތުރުވެރިން އުފުލުމާ ބެހޭ މަޝްވަރާތައް ފްލައިމީއާ އެކު ކުރިއަށްދާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ސްރީލަންކަން އިން ގަމަށް ދަތުރުކުރާ މީހުން މާމިގިއްޔާއި ދަރަވަންދޫ އަދި ހުވަދު އަތޮޅުގެ ރަށްތަކަށް ފްލައިމީ މެދުވެރިކޮށް ދެވޭނެ ގޮތް ހަމަޖެއްސުން ހިމެނޭ ކަމަށް ފިރާގު ވިދާޅުވި އެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ. ސްރީލަންކަންގެ ދަތުރުތައް ގަމަށް އޮންނަނީ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.