މަންތާ އެއާގެ ދަތުރުތައް ފަށައިފި

ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން "މަންތާ އެއާ" ގެ ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ދިނުމާ އެކު، އެ އެއާލައިންގެ ދަތުރުތައް އެ ދުވަހު ފަށައިފި އެވެ.


އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި އެއާލައިން ހިންގުމުގެ ހުއްދަ ނުވަތަ އެއާ އޮޕަރޭޓާސް ސަޓިފިކެޓް މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޑެޓަށް ދީފައިވާ ކަމަށެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ މަތިންދާބޯޓެވެ.

މަންތާ އެއާ އިން މި ވަގުތު ދަތުރު ކުރާނީ ދ. ކުޑަހުވަދު އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.

މަންތާ އެއާގެ އިތުރުން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ޚިދުމަތްދޭ އެއާލައިންތަކަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައިމީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭޒް އެވެ.

މަންތާ އެއާއިން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން، އެ ޚިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހުގެ ނަމުންނެވެ.

މަންތާ އެއާ އިން ވަނީ ޚިދުމަތް ދިނުމަށް ދެ ބޯޓެއް މިހާތަނަށް ގެނެސްފަ އެވެ.

ފުރަތަމަ ކުޑަހުވަދު އަށް އުދުހެން ފެށި ނަމަވެސް ކުރިމަގުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރުތައް ބާއްވާނެ ކަމަށް މަންތާ އެއާ އިން ބުނެ އެވެ.