ލޯފަން ކުދިންނަށް ހާއްސަކޮށްގެން ބްރެއިލް ލެގޯ ނެރެން ނިންމައިފި އެވެ.

އެކަން ބުދަ ދުވަހު އިއުލާން ކުރަމުން، ޑެންމާކުގެ ދަ ލެގޯ ގްރޫޕުން ބުނީ ލޯފަން ކުދިންނަށް ހާއްސަކޮށްގެން ނެރެން ނިންމާފައިވާ ލެގޯ އަކީ މިހާރު ލެގޯގައި ބޭނުންކުރާ ބްރިކްސްއާ ދާދި އެއްކަހަލަ ގޮތަކަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކަކަށް ވާނެ ކަމަށެވެ.

އެކަމަކު އެއީ ލޯފަން ކުދިންނާއި ލޮލަށް ފެނުމުގައި އެކި ވަރުގެ މައްސަލަތައް ހުންނަ ކުދިންނަށް އެއްވެސް ދަތިކަމަކާ ނުލައި ބޭނުންކުރެވޭ ބްރެއިލް ލެގޯއަކަށް ވާނެ ކަމަށް ބުންޏެވެ. އެގޮތުން ބްރިކްސްތައް ތައްޔާރުކޮށްފައި ހުންނާނީ ލަފުޒުތަކާއި ކެރެކްޓާތައް ހިމެނޭ ގޮތަށެވެ. މީގެ ސަބަބުން ޓީޗަރުންނާއި ބެލެނިވެރިންނަށް ވެސް ބްރެއިލް ލެގޯ ދަސްކޮށް ދޭން ވަރަށް ބޮޑުތަން ފަސޭހަވާނެ ކަމަށް ލެގޯ ގްރޫޕުން ބުންޏެވެ.

"މިއީ ލޯފަން ކުދިންނާއި ލޮލުގެ އެކި ކަހަލަ މައްސަލަތައް ހުންނަ ކުދިންނަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވާނެ. މީގެ ސަބަބުން އެ މީހުންނަށް އަމިއްލަ އަށް ކަންކަން ކުރުމުގެ ގާބިލުކަން އިތުރުކޮށް ދޭނެ،" ލެގޯ ގްރޫޕްގެ ސީއީއޯ ޖޯން ގުޑްވިން ވިދާޅުވި އެވެ. "އަހަރެމެންގެ އަމާޒަކީ ލެގޯގެ ތެރެއިން އާދައިގެ އެހެން ކުދިންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެއްކަހަލަ ތަޖުރިބާތަކެއް ކުރެވޭނެ މަގުތަކެއް ފަހިކޮށް ދިނުން."

ޖޯން ވިދާޅުވި ގޮތުގައި ބްރެއި ލެގޯއަކީ ފެށުމެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު އުފެއްދުންތައް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

ބްރެއިލް ލެގޯ މިހާރު ޔޫރަޕްގެ ބައެއް ގައުމުތަކުގެ ސްކޫލްތާއި އެކި އިންސްޓިޓިއުޝަންތަކުގައި ޓެސްޓް ކުރަމުން އަންނަ އިރު، ރަސްމީކޮށް ބްރެއިލް ލެގޯ ކިޓް ނެރެން ނިންމާފައި ވަނީ އަންނަ އަހަރު އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް އިއުލާން ނުކުރެ އެވެ.

ބްރެއިލް ލަފުޒުގެ އެހީގައި ލޯފަން މީހުންނަށް ކިޔައިވައި ދިނުމަކީ ވެސް ދުނިޔޭގެ ގައުމުތަކުގައި މިހާރު ވަރަށް ފުޅާކޮށް ކުރަމުން އަންނަ ކަމެކެވެ.