25 އޮކްޓޯބަރ 2020 - 07:19
މީގެ ކުރިން ވެސް ޕްރޮޖެކްޓެއްގައި އެކީގައި މަސައްކަތްތަކެއްކޮށްފައިވާ، ކުޅިވަރު ސާމާނު އުފައްދާ މަޝްހޫރު ކުންފުނި އެޑިޑާސް އާއި ކުޅޭ އެއްޗެހި އުފައްދާ ލެގޯ ގްރޫޕް ގުޅިގެން އަނެއްކާ ވެސް މަސައްކަތްތަކެއް ފަށައިފިި އެވެ.
މިކަން ރަސްމީކޮށް އިއުލާންކޮށް ބުނެފައި ވަނީ އެޑިޑާސްގެ އުފެއްދުންތަކާއި ލެގޯ އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރޭ ތަކެތީގެ އާ ކަލެކްޝަންތަކެއް ވަރަށް އަވަހަށް ނެރެން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ދެ ކުންފުނި ގުޅިގެން ނެރޭ ފުރަތަމަ ކަލެކްޝަން "އެޑިޑާސް އެކްސް ލެގޯ" އުފެއްދުންތައް މި އަހަރުގެ ފަހުކޮޅު ނެރޭނެ އެވެ. އަދި އަންނަ އަހަރު ވެސް އިތުރު އުފެއްދުންތަކެއް ނެރޭނެ އެވެ.
މިކަމާ ބެހޭ ގޮތުން ދެ ކުންފުނިން ބުނީ މި ފަހަރު އެކި ކުޅިވަރުތަކަށް ލޯބިކުރާ މީހުންނާއި ކުޑަކުދިންގެ ލައިފްސްޓައިލަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ވަރަށް ކްރިއޭޓިވް މަސައްކަތްތަކެއް ފެންނާނެ ކަމަށެވެ.
We're playing together with our new friends @adidas to create a whole world of awesome projects. Watch this space for kicks, bricks and more 👀 https://t.co/gGuNC2peZN#ADIDAS #LEGO #RebuildTheWorld pic.twitter.com/vZiNx9nW0B
— LEGO (@LEGO_Group) October 20, 2020
ގިނަ އަހަރުތަކަކަށް ދެމިގެންދާ ގޮތަށް ހެދި އެއްބަސްވުމުގެ ދަށުން ގެނެސްދޭނެ އުފެއްދުންތައް ލެގޯ އާއި އެޑިޑާސް އިން ސިފަކުރަނީ ހުރިހާ ގޮތަކުން ވެސް "ޕޮޒިޓިވިޓީ" ގެނެސްދޭނެ އުފެއްދުންތަކެއްގެ ގޮތުގަ އެވެ.
"އަހަރެމެންގެ އެންމެ ބޮޑު މަގުސަދަކީ އުފެއްދުންތެރި ބިނާކުރަނިވި ޖީލަކަށް މަގުފަހިކޮށް ދިނުން. އެކަން ކުރެވޭނީ ކްރިއޭޓިވިޓީ ތަރައްގީކުރެވޭނެ ގޮތްތައް ފަހިކޮށް ދީގެން،" ލެގޯގެ ޗީފް މާކެޓިން އޮފިސަރު ޖޫލިއާ ގޯލްޑިން ވިދާޅުވި އެވެ. "އެޑިޑާސްއާ ގުޅިގެން މި ފަހަރު ގެނެސްދޭ ޕްރޮޑަކްޓްތައް ވެގެންދާނީ ޝައުގުވެރިކަން އުފައްދައި، ކުރިއަށް ދިއުމުގެ ރޫހު އާލާކޮށްދޭނެ އެއްޗިއްސަށް."
އެޑިޑާސްގެ ގްލޯބަލް ޓްރެއިނިންގެ އެސްވީޕީ ޖެނެރެލް މެނޭޖަރު އައިމީ އަރާނާ ވިދާޅުވި ގޮތުގައި ލެގޯ ކަހަލަ ކުންފުންޏަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ އަބަދު ވެސް ވަރަށް ބޮޑު ކުރިއެރުމެކެވެ.
"އެ މީހުންނާއި އަހަރެމެންގެ އުފެއްދުންތެރި ހިޔާލުތައް މަސްހުނިވީމަ އަންނަ ޕްރޮޑަކްޓްތައް ހަމަ ޔަގީނުން ވެސް ވަރަށް ވެސް ފެންވަރު ރަނގަޅު އެއްޗިއްސަށްވެގެން ދާނީ،" އޭނާ ވިދާޅުވި އެވެ. "މިއީ ކުރިއަށް އޮތް ޒުވާން ޖީލުގެ ތަރައްގީ އަށް އަހަރެމެން ގުޅިގެން ކުރާ މަސައްކަތެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy