"ލެގޯ މީހުން" އުފެއްދި މީހާ މަރުވެއްޖެ

ކުޑަކުދިންގެ މެދުގައި މަގުބޫލު ކުޅޭ ސާމާނު ލެގޯގެ ބައެއްގެ ގޮތުގައި ނެރުނު ލެގޯ މިނިފިގާޒް އުފެއްދި ޖެންސް ނިގާޑް މަރުވެއްޖެ އެވެ.


އޭނާ އުމުރުން 78 އަހަރުގައި މަރުވި ވާހަކަ ލެގޯ ގްރޫޕުން ޓްވިޓާގައި ހިއްސާކުރަމުން ލެގޯ މިނިފިގާޒް ވުޖޫދަށް ގެނެސްދީ، ލެގޯ އަށް ބޮޑެތި ބަދަލުތަކާއި ކުރިއެރުންތައް ހޯދައިދޭން ކުރި މަސައްކަތްތައް ފާހަގަކޮށް، ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ޖެންސް ރީނދޫ ކުލައިގައި މޫނާއި އަތާއި ފައި ހިމަނައިހެން ލެގޯ މީހުން ނުވަތަ މިނިފިގާ އުފެއްދީ 1970 ގަ އެވެ. އަދި ރަސްމީކޮށް ލެގޯ މިނިފިގް ނެރުނީ އޭގެ އަށް އަހަރު ފަހުން 1978 ގަ އެވެ. ޑެންމާކްގެ ލެގޯ ގްރޫޕް އުފެދުނީ މީގެ 87 އަހަރު ކުރިން 1932 ގަ އެވެ. އެ ކުންފުންޏަކީ ޕްލާސްޓިކް ބްރިކުން ކުޅޭ ސާމާނު އުފައްދާ ކުންފުންޏެކެވެ.

ޖެންސް މަރުވީ މޮޓޯ ނިއުރޯން ޑިޒީޒް (އެމްއެންޑީ) ގެ ޝިކާރައަކަށްވެ، އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މި މަހުގެ 19 ވަނަ ދުވަހު އެވެ.

ޖެންސް ވަނީ ވަނީ ލެގޯ ގްރޫޕަށް 1968-2000 އާ ހަމައަށް ހިދުމަތްކޮށް ދީފަ އެވެ. އެ ދުވަސްވަރު އޭނާ ވަނީ ލެގޯގެ ކްލަސިކް ސެޓް، ސްޕޭސް އެންޑް ޕައިރޭޓްސް އާއި ލެގޯގެ ފެމިލީ ތީމް ޕާކް ލެގޯލޭންޑް ތަރައްގީކޮށް ދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޖެންސް ވަކިވެ ދިޔަ ޚަބަރާ އެކު ވަރަށް ގިނަ ބަޔަކު ޓްވިޓާގައި ހިތާމަފާޅުކޮށް، އޭގެ ހިދުމަތްތަކުގެ މަތިން ހަނދާން އާކޮށްފައިވެ އެވެ.