އާންމުކޮށް ބިސް ގެންނަން ވިސްނަން: އެސްޓީއޯ

ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށް އެސްޓީއޯ އިން ބިސް ގެނައުމުގެ ބަދަލުގައި އާންމުކޮށް ވެސް ބިހުގެ ވިޔަފާރި ކުރުމަށް ޕްލޭން ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.


އަމްރު ވިދާޅުވީ، ކޮންމެ ރޯދަމަހަކަށް ހާއްސަކޮށް ބިހުގެ ވިޔަފާރި ކުރުމުން އިތުރު ހަރަދުތައް ކުރަންޖެހޭ ކަމަށްވެ. މިކަން ކުރުމަށް އާ ސްޓާފުންނާއި، ލޮޖިސްޓިކް މަސައްކަތް ކުރުމަށް ވެސް ހަރަދު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ކޮންމެ އަހަރެއްގެ އެއް މަހަށް ހާއްސަކޮށް މި ވިޔަފާރި ކުރަންޖެހުމުން، މާކެޓުގެ ކަންކަން އެންމެ ފުރިހަމައަށް ދެނެގަތުމަށް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަޕްލަޔަރުންގެ އަތުން ރަނގަޅު އަގެއް ހޯދުމަށް ވެސް އުނދަގޫވެ އެވެ.

އަމްރު ވިދާޅުވީ، ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބިސް ގެނެސް ވިއްކުމަކީ އެ ކުންފުންޏަށް ފައިދާވާ ވިޔަފާރިއެއް ނޫން ކަމަށެވެ. އެކަމަކު އާންމުކޮށް ކުރާ ވިޔަފާރިއަކަށް ބަދަލުވެއްޖެ ނަމަ، ރަނގަޅު އަގެއްގައި ތަކެތި ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ މި ރޯދަ މަހު އެއްވެސް ދަތި ކަމެއް ނެތި، ބިސް ލިބޭނެ ކަމަށާއި ރޯދަ އަށް ހާއްސަކޮށް ހަތަރު ޝިޕްމެންޓެއް ގެންނާނެ ކަމަށެވެ. އޭގެ ތެރެއިން ދެ ޝިޕްމެންޓް މިހާރު ގެނެސްފައިވާ އިރު ތިން ވަނަ ޝިޕްމެންޓު ކްލިޔާ ކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ދަނީ ކުރަމުންނެވެ.

އެސްޓީއޯ އިން ބިސް ކޭހެއް ވިއްކަނީ 270ރ. އަށެވެ. އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުންނަ އެސްޓީއޯ ހޯލްސޭލް ސެންޓަރުން ބިސް ކޭސް ލިބޭނެ އެވެ.