ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މަސައްކަތްކުރާ 148 މުވައްޒަފަކު ވަޒީފާ އިން ކޮށްފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ، އެ މުވައްޒަފުންގެ ތެރޭގައި އަމިއްލަ އަށް އިސްތިއުފާ ދިން މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.
އެޗްޑީސީން ބުނިގޮތުގައި އެ މުވައްޒަފުން ވަކިކުރީ އެއްފަހަރަކާއެއް ނޫނެވެ.
ވަކިކުރި މީހުންގެ ތެރޭގައި ގިނައީ ސެކިއުރިޓީންނާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލަހައްޓަން ނެގި މުވައްޒަފުންނެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެޗްޑީސީ އަށް 150 މުވައްޒަފުން ވައްދާފައިވެ އެވެ. އެމީހުންގެ މުސާރަ އެވްރެޖްކޮށް 8،000 ރުފިޔާގައި އުޅޭ އެ މުސާރަތަކާއި އެލަވަންސްތަކަށް އެޗުޑީސީން މަހަކު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަމަށް، އޭރު އަޑު ފެތުރުނެވެ.
އެޗުޑީސީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސަރުކާރުގެ ކުންފުންޏެވެ. އެގޮތުން މުޅި ހުޅުމާލޭގައި ޔާމީންގެ ކެމްޕޭންގެ ދިދަތައް ދެމުމާއި، ކެމްޕޭންގައި އުޅުނު މީހުންގެ ކެއިންބުއިމުގެ ހަރަދުތަކަށް ވެސް ބޮޑު ހޭދައެއް ކުރި ކަމަށް، އަޑު ފެތުރުނެވެ. އެއް ލަފާކުރި ގޮތުގައި ކެމްޕޭނަށް އެޗުޑީސީން 30 މިލިއަނެއްހާ ރުފިޔާ ހޭދަކޮށްފައި ވެދާނެ އެވެ.
އެކަން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެޗުޑީސީން ބުނީ ވަކިކުރި މުވައްޒަފުންނަށް ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ނޯޓިސް ދީފައވާނެ ކަމަށެވެ.