ރާއްޖޭގެ އިގްތިސާދީ ދުވެލި ތިން އަހަރު ދަށަށް ދާނެ: ވޯލްޑް ބޭންކް

ރާއްޖޭގެ އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.


ސައުތު އޭޝިޔާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން ހަމާކޮށްފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުންނާނީ 5.7 ޕަސެންޓްގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 6.1 ޕަސެންޓްގަ އެވެ. އަންނަ އަހަރު އިގްތިސާދީ ދުވެލި 5.2 ޕަސެންޓަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2021 ވަނަ އަހަރު އިގްތިސާދީ ދުވެލި 5.3 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދީ ދުވެލި ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގައި ރާއްޖޭގައި އިންވެސްޓްމެންޓްތައް ކުރިއަށްދާނެ މިންވަރަށް ބެލުމަށްފަހު އެވެ.

ސައުތު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސާދީ ދުވެލި ކުރިއަށް އޮތް ތިން އަހަރު އެންމެ ކުރީގައި އުޅޭނީ ބަންގްލަދޭޝް އާއި އިންޑިޔާ އެވެ. އިންޑިޔާގެ އިގްތިސާދީ ދުވެލި 7.5 ޕަސެންޓްގައި ކުރިއަށް އޮތް ތިން އަހަރު ހިފެހެއްޓިފައިވާ އިރު ބަންގްލަދޭޝްގެ އިގްތިސާދީ ދުވެލި އެވްރެޖްކޮށް ހުންނާނީ ހަތް ޕަސެންޓްގަ އެވެ.

ނޭޕާލްގެ އިގްތިސާދީ ދުވެލި އެވްރެޖްކޮށް ހަ ޕަސެންޓުގައި ހުރި އިރު ބޫޓާންގެ އިގްތިސާދީ ދުވެލި ހުންނާނީ ރާއްޖެއާ އެއް ހަމައެއްގަ އެވެ. ޕާކިސްތާނުގެ އިގްތިސާދީ ދުވެލި ހަތަރު ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވާ އިރު އަފްގާނިސްތާނާއި ސްރީލަންކާގެ އިގްތިސާދީ ދުވެލި އެވްރެޖުކޮށް ހުންނާނީ ތިން ޕަސެންޓުގަ އެވެ.

ވޯލްޑް ބޭންކުން ބުނާ ގޮތުގައި ސައުތު އޭޝީޔާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އިގްތިސާދުތައް ހިމެނޭ ސަރަހައްދެވެ. މި ކުރިއެރުން ދިގުރާސްތާ އަށް ހިފެހެއްޓުމަށްޓަކައި އެކްސްޕޯޓް ކުރާ މިންވަރު ހުރިހާ ގައުމަކުން ވެސް އިތުރުކުރަންޖެހޭ ކަމަށް އެ ބޭންކުން ބުނެ އެވެ.

"ސައުތު އޭޝިޔާއިން އެކްސްޕޯޓް ކުރާ މިންވަރު މިދިޔަ ދެތިން އަހަރަކު ވަނީ ދަށްވެފައި. ދުނިޔޭގެ އެހެން ސަރަހައްދުގެ ގައުމުތަކާ ގުޅިގެން ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރަންޖެހޭ. އިގްތިސާދީ ކުރިއެރުން ރަނގަޅު މިސްރާބެއްގައި ހުރި ނަމަވެސް ދިގު މުއްދަތަކަށް މި ކުރިއެރުން ގެންދަން އެކްސްޕޯޓް އިތުރު ކުރުން މުހިއްމު،" ސައުތު އޭޝިޔާ ރީޖަނަށް ކަނޑައަޅާފައިވާ ވޯލްޑް ބޭންކްގެ ވައިސް ޕްރެޒިޑެންޑް ހާޓްވިގް ޝެފާ ވިދާޅުވި އެވެ.