ފޮޓޯ އަށް އެންމެ ރީތީ ނިޔާމަ ރިސޯޓް

ފޮޓޯ އަށް އެންމެ ރީތި ސަރަހައްދީ ރިސޯޓަކަށް ނިޔާމަ ޕްރައިވެޓް އައިލެންޑް ހޮވިއްޖެ އެވެ.


ލަގްޒަރީ ޓްރެވެލް އެޑްވައިޒަރީސް އިން ނިޔާމަ ޕްރައިވެޓް އައިލެންޑަށް "މޯސްޓް އިންސްޓަގްރެމަބަލް ހޮޓެލް 2019" ލިބިފައިވަނީ އޭޝިއާގެ އިންޑިއަން އޯޝަން އާއި ޕެސިފިކް އޯޝަން އައިލެންޑް ކެޓަގަރީންނެވެ.

ލަގްޒަރީ ޓްރެވެލް އެޑްވައިޒަރީ އަކީ މިނިވަން ނޫސްވެރިންތަކެއް ހިމެނޭ ޓްރެވެލް އޭޖެންޓެކެވެ.

މި ހާއްސަ އެވޯޑަށް ފަހު ނިޔާމަ ޕްރައިވެޓް އައިލެންޑްގެ ޖެނެރަލް މެނޭޖަރު ހަފީދު ބުސައިދީ ވިދާޅުވި ގޮތުގައި ފޮޓޯ ނަގަން އެންމެ ރީތި ރިސޯޓަކަށް ނިޔާމަ ހޮވުމުން އެނގެނީ ލަގްޒަރީ މާކެޓުގައި އެ ރިސޯޓު ހޯދާފައިވާ މަގްބޫލު ކަމެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑްގެ ވޯޓާ ވިލާތައް-- ފޮޓޯ: ނިޔާމަ

ދ. އަތޮޅުގައި އޮތް އެ ރިސޯޓު އޮންނަނީ ދެ ބަޔަކަށެވެ. "ޕްލޭ" އާއި "ޗިލް"ގެ ނަން ދީފައިވާ މި ދެ ސަރަހައްދުން ދޭ ހިދުމަތްތައް ވެސް ތަފާތެވެ. މި ދެ ސަރަހައްދު ގުޅާލާފައިވަނީ ބްރިޖަކުންނެވެ. މި ރިސޯޓުގެ ބީޗް ސައިޑް ހާއްސަކޮށްފައި ވަނީ އާއިލާތަކަށެވެ. އެގޮތުން ކުޑަކުދިންނަށް ހާއްސަކޮށް އިންފިނިޓީ ޕޫލެއް ވެސް ހިމެނެ އެވެ.

އެ ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކްލަބެއް ވެސް ހުރެ އެވެ. އެއް އަހަރާއި 12 އަހަރުގެ ކުދިންނަށް ހާއްސަކޮށް ހުޅުވާފައިވާ މި ކްލަބްގައި ޗައިލްޑްކެއާ ޕްރޮފެޝަނަލުން އުޅޭނެ އެވެ. މިއީ ތިން އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ހުޅުވާފައިވާ ހަމައެކަނި ކުޑަކުދިންގެ ކްލަބެވެ.

މި ހާއްސަ ކްލަބުގައި ތަފާތު ތީމްތައް ހުރެ އެވެ. އެގޮތުން ޖަންގަލް ސަފާރީ އާއި ޕައިރެޓްސް އާއި ޕްރިންސަސް އާއި ސާކަސް ފަން ތީމުގެ މި ކްލަބުން ސޭންޑްކާސަލް ހެދުމާއި ސްނޯކްލިން އާއި ޓެނިހާއި ފުޓްބޯޅަ އާއި މޫދު ކުޅިވަރުތައް ވެސް އޮންނާނެ އެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑްގެ ވޯޓާ ވިލާއެއް--ފޮޓޯ:ނިޔާމަ

ނިޔާމަ ރިސޯޓުގައި އެއް ރޫމްގެ ވިލާ އާއި ދެ ރޫމާއި ތިން ރޫމްގެ އިތުރުން ހަތަރު ރޫމްގެ ވިލާތައް ވެސް ހިމެނެ އެވެ. އަދި މި ވިލާތަކުގައި ޕްރައިވެޓް ފޫލް ވެސް ހުރެ އެވެ.

ނިޔާމަ ޕްރައިވެޓް އައިލެންޑް ހުޅުވީ 2012 ވަނަ އަހަރު އެވެ.