ކުދި އަދި މެދުފަންތީގެ ވިޔަފާރި ސިޔާސަތަށް އަމަލު ކުރަން ފަަށަނީ

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަ މާހައުލެއް ގާއިމް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަށް އަމަލު ކުރަން ކެބިނެޓުން ނިންމައިފި އެވެ.


މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މި ސިޔާސަތާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ހުށަހަޅާފައިވާ ކަންތައްތަކާ ގުޅޭގޮތުުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ސަރުކާރުން އެކުލަވާލާފައިވާ މި ސިޔާސަތުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުގެ ޕްރޮކިއުމަންޓް އަދި ޑިއުޓީ އުސޫލަށް ބަދަލު ގެނެވޭނެ އެވެ. އަދި ސަރުކާރާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ކުރާ އިއުލާންތަކުގައި ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށް ނަމަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ޖެހޭނެހެން ޝަރުތުތަކެއް ވެސް މި ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކުހުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދީ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމުތައް ސަރުކާރުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މި އުސޫލުގެ ދަށުން މިފަދަ ވިޔަފާރިތަކަށް ހެޔޮ އަގުގައި ޕީއޯއެސް ލިބޭނެ އެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އަޅާނެ ކަމަށް މި އުސޫލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ކުދި އަދި މެދުުފަންތީގެ ވިޔަފާރިތަކާއި ގުޅޭގޮތުން ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގައި މިފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުުން އިނާމް ދިނުން ފަދަ ކަންތައްތައް ތައާރަފު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.