ބިދޭސީންނަށް ވިޔަފާރިކުރެވެނީ ދިވެހިންނާ ހެދި: މިނިސްޓަރު

ބިދޭސީން ވިޔަފާރި ކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ މީހުން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހިން އޭގެ ތެރޭގައި ޝާމިލްވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.


ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާ ގުޅިގެން އެކަމާ މެދު މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ފައްޔާޒް މަޖިލިހުގައި ވިދާޅުވީ ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުތަކަކީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމާ ގުޅޭ އިސްލާހުތަކެއް ނޫން ކަމަށެވެ. ބިލާ ގުޅޭ ގޮތުން އިދިކޮޅު މެންބަރުންނާއި އެމްޑީޕީގެ ގިނަ މެންބަރުންގެ ވެސް ކަންބޮޑުވުމަކީ އެ ބިލުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން ވަނުމަށް މަގުފަހިވުމެވެ.

ބިލްގައި މެމްބަރުން ކަންބޮޑުވާ އެއް އިސްލާހުގައި ވަނީ ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ކަމަށެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ބިދޭސީން ވަނުމަށް ހުޅުވޭ ދޮރެއް ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް ފައްޔާޒް ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ އެންމެންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި މި ބިލަށް ގެންނަ ބަދަލުން އެއަށް ހައްލެއް ނާންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. ގާނޫނާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރާތީ އެކަމަށް ހައްލު ހޯދަން އެތައް މަސައްކަތެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޖާދޫގަރުން ކަމަށް ނުވާތީ ކުއްލިއަކަށް ހުރިހާ ކަމެއް ނިންމާނުލެވިގެން މިއުޅެނީ. ވަރަށް ބުރަ މަސައްކަތެއް، ވަރަށް ގިނަ ދިރާސާތަކެއް ކުރަމުން، އަޅުގަނޑުމެން ނަގާ ނިންމުމަކުން އެހެން ފަރާތަކަށް ލިބޭނީ ކޮން ގެއްލުމެއްތޯ ފައިދާއެއްތޯ، ހުރިހާ އެއްޗެއް ބަލައިގެން އޭގެ މެދުމިންގަނޑަކަށް އައިސްގެން ކަންކަން ކުރަން ވެގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ބިދޭސީން ވިޔަފާރި ކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދިވެހީންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެމީހުން ވިޔަފާރި ކުރަނީ ދިވެއްސެއްގެ ނަމުގައި ކަމަށެވެ. އަދި އެ މީހުންގެ ވޯކްޕާމިޓް އޮންނަނީ ވެސް ދިވެއްސެއްގެ ނަމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމިއްލަ އިހްތިޔާރުގައި މިއީ ބިދޭސީ ވިޔަފާރިއެކޭ، ދިވެހި ވިޔަފާރިއެކޭ ބުނަން ފަށައިފި ނަމަ، އެއީ އަޅުގަނޑަށް ގަބޫލު ނުކުރެވޭ ތިއިން ބޭފުޅަކަށް ގަބޫލު ކުރެއްވޭ ކަމަކަށް،" ފައްޔާޒް ވިދާޅުވި އެވެ.

ރާޢްޖޭގައި މިހާރު ވެސް ފޮރިން އިންވެސްޓްމަންޓާ ބެހޭ ވަކި ގާނޫނެއް އޮންނަކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ފޮޓޯގްރާފަރުންނަށް މިހާރު ވެސް ފުރުސަތު ނުލިބެނީ އެ ގާނޫނުގެ ދަށުން ހަދާ ސިޔާސަތުތަކާ ހެދި ކަމަށެވެ.