ރައްޔިތުންގެ މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ އަދި ހިޔާލު ހޯދުމުގެ ވޯޓަށް ފަހުގައި، ދައުލަތުގެ އެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. 

ދައުލަތުގެ އެކި ކަންކަމަށް ގެންނަ އިސްލާހުތައް ބަރޯސާވާނީ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއް މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ފެންނަ/ނުފެންނަ ވޯޓުގައި އަހަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް މެމްބަރުން ހޮވާ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ އެވެ. 

ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: ރައީސް އޮފީސް
"އެއް ކަމަކީ [މަޖިލިސް މެމްބަރުންގެ] ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން."
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން ވަރަށް ބޮޑަށް އިތުރުވަމުން ދާތީ، މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ވެސް ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ވޯޓު އެއް ބުރުން ނިމޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށާއި ރައީސްގެ ކަމުގެ ހުވާކުރައްވާ ދުވަސް ނޮވެމްވަރު 17 އިން 11 އަށް އަލުން ބަދަލުކުރުން ކަހަލަ އެކި އިސްހާލުތައް ގާނޫނަށް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެ ކަންކަމުގެ އިތުރުން މަޖިލީހުގެ ވަކި ޕަސެންޓެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ދިރާސާކޮށް، މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ

"އެއް ކަމަކީ [މަޖިލިސް މެމްބަރުންގެ] ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން،" ރައީސް ވިދާޅުވި އެވެ. 

"އަދި ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން."

ސަރުކާރުން ބުނެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބުތަކާ ގުޅިގެން އުފެދޭ ސިޔާސީ ހަމަނުޖެހުން ހުއްޓުވޭނެ އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ މަހު ހަތަރެއްގަ އެެވެ. އެކަމަށް ތާއީދުކޮށް ސަރުކާރުން ވާހަކަ ދެއްކި ނަމަވެސް، އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ނަމަވެސް، އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގެ ތާއީދު އޮތީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށެވެ.