މޯލްޑިވިއަން އިން ޗައިނާ އަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑވިއަން އިން ޗައިނާ އަށް ސީދާ ދަތުރުތައް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.


މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް މިއަދު ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު ޗައިނާ އަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އެގޮތުން، ޗައިނާގައި ބޭއްވި މީޑިއާ ކޮންފަރެންސްގައި އެ ގައުމުގެ ސްޓޭޓެއް ކަމުގައިވާ ޝިއާންގެ އޮޕަރޭޓަރުންނާ ބައްދަލުކޮށްފައިވެ އެވެ. މި ދަތުރުގައި ސަރުކާރާއި މޯލްޑިިވިއަންގެ ޓީމުން ވަނީ އެ ސްޓޭޓްގެ ލޯކަލް ގަވާންމެންޓްގެ ޓޫރިޒަމް ބިއުރޯގެ ޗީފް އާއި ޗައިނާ ވެސްޓް އެއާޕޯޓުގެ ޑިރެކްޓަރުންނާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 172،000 މީހުން ޗައިނާ އިން ޒިޔާރަތް ކޮށްފައި ވެ އެވެ.

"އޭ330 މަރުކާގެ ބޯޓާ އެކު ޗައިނާ އަށް ދަތުރުތައް ފެށޭނެ. އެއާ އެކު ޗައިނާ އިން ގަމަށް ވެސް ސީދާ ދަތުރުތައް ކުރަން ފެށޭނެ،" މޫސަ ވިދާޅުވި އެވެ.

އޭ330 މަރުކާގެ ބޯޓަކީ ވައިޑް ބޮޑީ ބޯޓެކެވެ. މި ބޯޓުން އެއްފަހަރާ 300 މީހުންނަށް ދަތުރުކުރެވޭނެ އެވެ. މި އަހަރުގެ ފަހުކޮޅު މޯލްޑިވިއަން އިން މި ބޯޑު ރާއްޖެ ގެނެސް ދަތުރުތައް ކުރަން ފަށާނެ އެވެ.

މޯލްޑިވިއަން އެއާލައިންގެ ހިދުމަތްތައް ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ޗައިނާ އަށް ދަތުރުތައް އަންނަ އަހަރު ފަށާ އިރު، އެ އެއާލައިނުން އަންނަނީ އިތުރު މަންޒިލްތަކަށް ވެސް ދަތުރުތައް ކުރުމަށް ރާވަމުންނެވެ. އޭގެ ތެރޭގައި އަވައްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ ކޮޗިން ވެސް ހިމެނެ އެވެ.