މާފަރު އެއާޕޯޓު ތަރައްގީ ކުރުމަށް ޗައިނާގެ ހުނާން އިންޖިނިއަރިންއާ އެކު ސޮއިކުރުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
13 ނޮވެމްބަރ 2025 - 13:21
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އެ އެއާޕޯޓު ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެ ޕްރޮޖެކްޓް ހަވާލުކުރީ ހުނާން 6 އިންޖިނިއަރިންއާ އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން، މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ދެ ބުރީގެ އާ އިމާރާތެއް އަޅާނެ އެވެ. އާ ޓާމިނަލް އިމާރާތުގައި ސީއައިޕީ ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއްގެ އިތުރުން އޮފީސް ޖާގަ ވެސް އިތުރު ކުރާނެ އެވެ.
އެ މަސައްކަތް 10 މަސް ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މިދިޔަ ޖުލައި މަހު މާފަރު އެއާޕޯޓު ވަނީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކޮށްފަ އެވެ. އެ އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ބޮޑު ކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ޖެއްސޭނެ އެވެ. މަތިންދާބޯޓުތައް ޕާކު ކުރާނެ އިތުރު ޖާގަ އާއި ޖެޓްތަކަށް ހިދުމަތްތައް ދޭނެ ޖާގަ ވެސް ވަނީ އިތުރުކޮށްފަ އެވެ.
މާފަރު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން، އޭޑީއެފްޑީ މެދުވެރިކޮށް، ޔޫއޭއީ އިން ދިން އެހީގަ އެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހަވާލުކުރީ 2018 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 49 މިލިއަން ޑޮލަރު (754 މިލިއަން ރުފިޔާ) އެވެ. އަދި ދެވަނަ ފިޔަވަހި 2022 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 27 މިލިއަން ޑޮލަރު (415 މިލިއަން ރުފިޔާ) އަށެވެ.
ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެ އެއާޕޯޓުގައި ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް މިދިޔަ މެއި މަހު ވަނީ އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ވެސް ޖައްސައިފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފެކްޓްް
13 November 2025
ޕްރޮޖެކްޓުގެ ވީޑިއޯ ނޫނީ ފޮޓޯ ގަނޑެއްހިސާބުވެސް ނެތް ދޯ! ތިހެންވީއިރު ތިކަން ކޮށްފާނެ. އެކަމަކު ވީޑިއޯތައް ހަދާ ފޮޓޯ ދައްކާއުޅޭކަމަށް ވާނަމަ އެއީ ފޭކު.