ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުން މި މަހުގެ 18 ގައި

މި އަހަރުގެ ދޮށީ އުމުގެ މީހުންގެ ދުވަސް ފާހަގަކުރުމަށް ޕެންޝަން އޮފީހާއި ސްޕޯޓްސް ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.


މި މަހުގެ 18 ގައި ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކެވެ. ސްޕޯޓްސް ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖީން ޑިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި 18 ވަނަ ދުވަހުގެ ހަވީރު ހުޅުމާލޭގައި ހިނގާލުމުގެ ހަރަކާތެއް ބާއްވާނެ އެވެ. މި ހިނގާލުން ކުރިއަށް ގެންދާނީ އެ ދުވަހުގެ ހަވީރު 4:00 ން 6:00 އާ ހަމައަށް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

"ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހިނގާލުމުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެ މީހުންގެ އާއިލާތަކުން ވެސް ބައިވެރިވާނެ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަނިކު ވިދާޅުވީ، މި ހިނގާލުމުގެ އެންމެ މުހިންމު ބޭނުމަކީ އުމުރުން ދުވަސްވީ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރި ކުރުމާއި އެ މީހުންނަށް އުފާވެރިކަން ގެނުވައިދިނުން ކަމަށެވެ.

މި ހިނގާލުމުގައި ބައިވެރިވާ މީހުންނާއި އާއިލާތަކުގެ މެދުގައި ގުރުއަތުން ހޮވޭ މީހުންނަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ހޮވާލެވޭ ތިން ނަސީބުވެރިއަކަށް 2،000ރ. ހުށަހަޅާފައި ވާއިރު ތިން ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ އާއިލާ އަކަށް 3،000ރ. ދޭނެ އެވެ. އަދި، ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ އުމުރުގެ މީހަކު ހިމެނޭ އާއިލާ އަކަށް ވެސް 3،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕެންޝަން އޮފީހުން ބުނިގޮތުގައި މިއީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ހިނގާލުމެއް ކަމަށް ވާތީ މާލެ އިން ހުޅުމާލެ އަށް ދާން ބޭނުންވާ މީހުންނަށް ޓްރާންސްފާ ހަމަޖެހޭނެ އެވެ. އަދި ހުސް ފުޅިއެއް ހިފައިގެން ދިއުމުން ސެންޓްރަލް ޕާކުގައި ބަހައްޓާފައި ހުންނަ ސްޓޭޝަންތަކުން ފެން ލިބޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ހިނގާލުމުގައި ބައިވެރިވާން އެދޭ މީހުން ޕެންޝަން އޮފީހުގެ ވެބްސައިޓު (https://en.pension.gov.mv) މެދުވެރިކޮށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.