400 އަށް ވުރެ ގިނަ ޝެފުންނާ އެކު ކަލިނަރީ ޗެލެންޖު ފަށައިފި

ދުނިޔޭގެ އެކި ގައުމުތަކުގެ 460 ޝެފުން ބައިވެރިވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު މިއަދު ދަރުބާރުގޭގައި ފަށައިފި އެވެ.


އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި 22 ކެޓަގަރީއަކުން ޝެފުން ވާދަކުރެ އެވެ. މި މުބާރާތުގެ ޖަޖުންގެ ތެރޭގައި ވޯލްޑް ޝެފްސް އެސޯސިއޭޝަނުގެ ސެޓިފައިޑް ދިވެހި ޖަޖުން ވެސް ހިމެނެ އެވެ.

ދިވެހި ޖަޖެއް ކަމަށްވާ މަރިޔަމް ޝިއުނާ ވިދާޅުވި ގޮތުގައި، މުބާރާތުގައި ބަލާނީ ރަހަ އާއި ޕްރެޒެންޓޭޝަންގެ އިތުރުން ސާފުތާހިރު ކަމަށެވެ. ހުރިހާ ކެއުމެއް ވެސް ތައްޔާރުކޮށްފައި ހުންނަން ޖެހޭނީ ވޯލްޑް ޝެފްސް ސްޓޭންޑަޑަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކލިނަރީ ޗެލެންޖުގެ ދިވެހި ދެ ޖަޖުން: މި ޖަޖުންނަކީ ވޯލްޑް ޝެފްސް އެސޯސިއޭޝަންގެ ސެޓްފިކެޓް ލިބިފައިވާ ޖަޖުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން ބައިވެރިވާއިރު ކޮންމެ އަހަރަކު ދިވެހި ޝެފުންގެ އަދަދު އިތުރުވާ ކަމަށް ހޮޓެލް އޭޝިއާގެ އޮފިޝަލަކު ވިދާޅުވި އެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ބޭނުމަކީ ވެސް ދިވހިންނަށް ބައިނަލަގްވާމީ ސްޓޭޖްތަކުން ފުރުސަތު ހޯދައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަލިނަރީ ޗެލެންޖުގެ ޖަޖުންތަކެއް. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މުބާރާތުގައި ބައިވެރިވާ ޝެފުންނަށް ތައްޔާރު ކުރަންވީ ކެއުންތަކާއި ތައްޔާރު ކުރާނެ އުކުޅުތައް ކިޔައިދެނީ ވޯލްޑް ޝެފްސް އެސޯސިއޭޝަންގެ ޕްރޮޖެކްޓް ޑިރެކްޓަރު ޝެފް އެލެން ޕާމާ އެވެ. އެކަމަކު ކޮންމެ ޝެފެއްގެ ވެސް ރެސިޕީ ވާން ޖެހެނީ އަމިއްލަ އެއްޗަކަށެވެ. އެ ރެސިޕީ ޖަޖުންނަށް ފެންނާނެހެން ކައްކާ ސްޓޭޝަންގައި ބާއްވަން ޖެހޭނެ އެވެ.

ކަލިނަރީ ޗެލެންޖުގެ ބައިވެރިއަކު ތައްޔާރުކޮށްފައިވާ ޑިޝްއެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

މުބާރާތުގެ ވަނަ ހޮވާނީ އަންނަ ބުދަ ދުވަހެވެ. މި ހަފްލާގައި ގޯލްޑް މެޑަލް ހޯދާ ޝެފުންނާއި އެލެން ޕާމާ ޓްރޮފީ ލިބޭ ރިސޯޓު އިއުލާން ކުރާނެ އެވެ. އެލެން ޕާމާ ޓްރޮފީ ލިބޭނީ ހުރިހާ ގޮތަކުން އެންމެ މޮޅު ރިސޯޓަށެވެ.