މީހުން

ގޭ ބަދިގެއިން ނުކުމެ ތޮހާ ދެއްކި ތަފާތު ހިތްވަރު

ހަނދާން ހުންނަން ފެށީއްސުރެ އެންމެ މީރުކޮށް ކެވޭ ކެއުމަކީ ދިވެހި ކެއުމެވެ. ގަރުދިޔާ ބަތާއެކު ލުނބޯހުތްކޮޅެއް ފެލާލައި، ފިހުނުމަސްކޮޅަކާ އެކު އެ ކާލާއިރު އެ ކުރެވޭ އަމިއްލަވަންތަ އިހުސާސެއް އެހެން އެއްވެސް ކެއުމަކުން ނުލިބެ އެވެ.

އެންމެ ކުޑައިރުއްސުރެ ދިވެހި ކެއުމަށް ލޯބިކުރާ އދ. މަހިބަދޫ އަށް އުފަން ޝެފް ތޮހާ އަބްދުލް ރައްޒާގް، 26، މީހުންނަށް އެނގެން ބޭނުންވަނީ ވެސް ދިވެހި ކެއުންތަކުންނެވެ. މަންމަގެ ކެއްކުމުގައި އެ ހުންނަ ރަހަގަނޑު ގެނެސްދީގެންނެވެ.

"ކުރީގެ ގޮތަށް ނާށި އަންދައިގެން ލޮނުމިރުސް ފުނޑައިގެން މަސް ފިހެގެން. މަންމައަށް ވަރަށް މީރުވާނެ އެގޮތަށް މަސް ފިހެދީފިއްޔާ. ބުނާނެ ވަރަށް މީރޭ ވެސް. އެކަމަކު މަންމަހާ މޮޅަކަށް ނުކެއްކޭނެ."

އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް މަންމަގެ ފަހަތުން ބަދިގޭގައި ކެއްކުމުގައި އުޅެވެ އެވެ. ކެއްކުމަށް އެ ހުންނަ ޝައުގު އާއިލާގެ އެހެން މީހުންނަށްވުރެ މާ ބޮޑަށް ހުރެ އެވެ.

ސްކޫލު ނިންމި އިރު ވެސް ތޮހާ އަށް އެނގިފައި އޮންނަނީ، ދިވެހި ފިރިހެން ކައްކާއިން ނުވަތަ ޝެފުންނަކީ ރާއްޖޭގައި ވެސް އެންމެ މީހުން މަދު އެއް ދާއިރާ ކަމެވެ. އެއާއެކު އެ ދާއިރާ ކުރިއަރުވައި، ކުޑައިރު ކެއްކުމަށް ޖެހުނު ލޯބިން އޭނާގެ ކުރިމަގު ބިނާކުރަން ވިސްނި އެވެ.

ތޮހާ، އޭނާ ކިޔަވަމުންދާ އެމްއެންޔޫގެ ކަލިނަރީ ކޯހުގެ ކްލާހެއްގައި ކައްކަނީ.

"އަބަދުވެސް އަޑު އިވެނީ ކައްކާއިން، ޝެފުންނަށް ވުމަކީ މީހުން ނިކުންނަން ޖެހިލުންވާ ދާއިރާއެކޭ. ހާއްސަކޮށް ދިވެހި ފިރިހެނުން. އެހެންވެ މީހުން ވެސް މަދުވީމައާ އެއްކޮށް މި ދާއިރާއަށް ނިކުންނަން ވިސްނީ،" އޭނާ ބުންޏެވެ.

މޮޅު ޝެފަކަށް ވުމަށް ތޮހާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ދަތުރު ފެށީ، 2018 ވަނަ އަހަރު އެމްއެންޔޫ، އެފްއެޗްޓީއެސްގެ ސެޓްފިކެޓް ތިނެއްގެ ކަލިނަރީ ކޯހެއްގައި ބައިވެރިވެ އެވެ. މިހާރު ބެޗުލާ އޮފް ހޮސްޕިޓަލިޓީ އެންޑް މެނޭޖުމަންޓް ކިޔަވަމުން އަންނަ ތޮހާގެ ޝައުގު ހުންނަނީ ޕޭސްޓްރީއަށްވުރެ ބޮޑަށް ހޮޓް ކުކިން - ޕޯލްޓްރީ އަށެވެ.

"ޒުވާން ކުދިން މި ދާއިރާއަށް އެބަ ނިކުމޭ. ހާއްސަކޮށް ޕޭސްޓްރީއަށް ނިކުންނަ ކުދިން ނިސްބަތުން އިތުރު. ހޮޓް ކުކިންއަށްދާ ކުދިން މަދު. ކުދިން މަދު ދާއިރާ އަކަށް ދިއުމުން ފުރުސަތުތައް ބޮޑުވާނީ. އެހެންވެ ބޮޑަށް ހޮޓް ކުކިންއަށް ޝައުގު ހުންނާތީއާ އެއްކޮށް އެބައި ބޮޑަށް ކުރިއަށް ގެންދަނީ،" ތޮހާ ބުންޏެވެ.

ތޮހާ އޭނަގެ ކްލާސްމޭޓުންނާއެކު.

ކަނުހުރާ އާއި ކޮންރެޑް މޯލްޑިވްސް ރިސޯޓުގައި މަސައްކަތް ކޮށްފައިވާ ތޮހާ ބުނީ ދާއިރާގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ގިނަ ފުރުސަތުތަކެއް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސައްކަތް ކުރުމަށް ލިބުމަކީ އުފާކުރާ ކަމެއް ކަމަށެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތޮހާއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނީ ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރުމަށްފަހު އެވެ. މިއަދު އެއީ ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ޝެފަކަށް ވިޔަސް އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަން ޖެހުނު މަސައްކަތް ވަރަށް ގިނަ އެވެ.

ތޮހާ ބައިވެރިވި ބޭރުގެ މުބާރާތެއްގައި ރާއްޖެ ތަމްސީލު ކުރުމަށް ދިޔަ ބައިވެރިންނާއެކު.

އެގޮތުން މިދިޔަ އަހަރު ތުރުކީގެ އިސްތަންބުލް ގައި ކުރިއަށް ގެންދިޔަ "ވޯލްޑް ހަލާލް ސަމިޓް އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް އޮފް ކުކީސް"ގައި ބައިވެރިވާން ލިބުނު ދިވެހި ހަތަރު ކުދިންގެ ތެރޭގައި އޭނާ ހިމެނުނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ، ފުޑް އެންޑް ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ލިބުނެވެ.

ތޮހާ އެންމެ ފަހުން ބައިވެރިވެފައި ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެގްޒިބިޝަން، ހޮޓެލް އޭޝިއާ މޯލްޑިވްސްގައި މި އަހަރު އެވެ. އެ މުބާރާތުން އޭނާއަށް ބައިވެރިވި ކެޓަގަރީން 80 އަށް ވުރެ ގިނަ ޝެފުންނާ ވާދަކޮށް ވަނީ، ޑިޕްލޮމާ އެވޯޑެއް ހޯދައިފައި އެވެ.

ޝެފް ތޮހާ ތައްޔާރުކޮށްފައިވާ ޑިޝްއެއް.

ކާމިޔާބީގެ ފަހަތުގައި އާއިލާއިން އެކުވެރިން ދިން ހިތްވަރާއި ލޯބި

ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ވެސް އާއިލާ ހިމެނޭނެ އެވެ. އެގޮތުން ތޮހާ އަކީ ފިރިހެނަކަށް ވިޔަސް ކޮންމެ ކަމަކާވެސް ކެރިގެން ކުރިމަތިލައިފި ނަމަ ވާނެކަން އެންމެ ފުރަތަމަ ބުނެދިން ބަޔަކީ އާއިލާ އެވެ.

ތޮހާ މި ދާއިރާއިން ކުރިއަށް ދިއުމަށް ހިތްވަރަކަށްވީ އޭނާ މިހާރު ތައުލީމު ހާސިލް ކުރަމުންދާ އެފްއެޗްޓީއެސް ލެކްޗަރާއިންނާއި ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ހުރިހާ މެމްބަރުންނެވެ.

ވެޑިން ކޭކެއް ތައްޔާރު ކުރަނީ.

ތޮހާ ކުރާ ހަމައެކަނި ކަމަކީ ކެއްކުމެއް ނޫނެވެ. މިހާރު އޭނާ ވަނީ ބޭކިންގެ ދާއިރާ އަށް ވެސް ވަދެފަ އެވެ. އެގޮތުން ވެޑިން ތަކަށް ކޭކު އަޅައިދިނުމުގެ އިތުރުން ޑެޒާޓް ޓޭބަލްތައް ވެސް ތައްޔާރުކޮށްދެ އެވެ.

އޭނާ ގަބޫލުކުރާ ގޮތުން މިއީ އަދި ފެށުމެވެ. ބޭކް ކުރުން ވިޔަސް ކެއްކުން ވިޔަސް މިއީ އަދި ފުރަތަމަކޮޅަށް ވުމުން ވަކި ކަމަކަށް ސްޕެޝަލައިޒެއް ނުވެ އެވެ.

"އަދި ކިރިޔާ މި ފަށައިގަތީ. އެހެންވެ އަދި ހަމަ ޓްރައި ކުރަނީ ހުރިހާ އެއްޗެއް ވެސް. އެއްވެސް އެއްޗަކުން އަދި ސްޕެޝަލައިޒެއް ނުވަން. ކޭކު ހެދީމަ އެންމެން ވެސް ބުނޭ ވަރަށް މީރޭ. ތަފާތު ގޮތެއް ހުރޭ ޑެޒާޓްގެ ހުރިހާ އެއްޗެއްގައި ވެސް،" ތޮހާ ބުންޏެވެ.

ކެއްކުމުގެ ދާއިރާއިން ކުރިއަށް ދާން ހުރި ތޮހާގެ މުސްތަގުބަލާ ދޭތެރޭ ދެކޭ ހުވަފެނަކީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމެވެ. ދިވެހި ކެއުންތައް ޒަމާނާ އެއްގޮތަށް މީހުންނަށް ގެނެސްދިނުމަށް ކުރަމުންދާ އުންމީދެކެވެ.

"އަދި ތަންކޮޅެއް އަވަސް ކަންނޭނގެ، އެކަމަކު އަބަދުވެސް ކުރަން ބޭނުންވާ ކަމެއް އެއީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުން. ދިވެހި ކެއުންތައް މޮޑަން ގޮތަކަށް ތައްޔާރުކޮށްގެން ނެރޭ ރެސްޓޯރެންޓެއް ހުޅުވުން،" އޭނާ ބުންޏެވެ.

3 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 65%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބޭ

23 December 2022

ماشاء الله.

The name is already taken The name is available. Register?

ޑެޕިއުޓީ މޭޔަރު ނަރީޝް...

22 December 2022

ދިވެހި ފިރިހެނުން ކައްކަން ފެށީމަ ބުނަނީ އަންހެން ދުޅާވީއޭ، އެކަމަކު ބޭރުގައުމުތަކުގެ ފިރިހެނުން އޯކޭ... މަވެސް ކެއްކިން ރިސޯޓެއްގެ ބަދިގެއަށްވަނީ އުމުރުން 18 އަހަރުގަ، ޕޭސްޓްރީ ޝެފްކަން ކުރިން، އެތަނުގަ މަސައްކަތް ކުރާ ބޭރުމީހުން ކޮސް އަރުވާލިން، ޕޭސްޓްރީއާރޓިސްޓުން ފަށައިގެން ޑެޒަޓް ޓޭބަލް ދެކަރޭޝަން.. އުމުރުން 25 އަހަރު ވަޒީފާ ދޫކޮއްލީ މައިންބަފައިން ޕްރެޝަރ ހެދީ، އަދި ދިވެހިންނަށް މާބޮޑު ފުރުސަތެއް ނެތުމުން///

The name is already taken The name is available. Register?

ނަންނެއްގޮލަ

22 December 2022

ގަދަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454