އާ ބޯޓު ގެނެސް، މެގަ މޯލްޑިވްސް އިން ލަންކާ އަށް ދަތުރު ފަށަނީ

އާ މަތިންދާބޯޓެއް ގެނެސް އިންޑިއާ އާއި ލަންކާ ހިމެނޭ ގޮތަށް އާ ގައުމުތަކަކަށް ދަތުރުތައް ފަށަން މެގަ މޯލްޑިވްސް އިން ތައްޔާރުވެއްޖެ އެވެ.


މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ އެއާލައިނުން ކުއަލާ ލަމްޕޫރަށާއި ޖިއްދާއަށް އަލުން ދަތުރުތައް ފަށަން ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މި ދަތުރުތަކަށް ބޭނުންކުރާނީ އަލަށް ގެނައި ބޯޓަށް ވުރެ ބޮޮޑު، ބޮއިންގް 767ގެ ބޯޓެކެވެ.

އެ އެއާލައިނުގެ ފްލީޓަށް އަލަށް ގެނެސްފައި ވަނީ ބޮއިންގް 737-800ގެ ބޯޓެކެވެ. ހަތަރު އަހަރު ވެފައިވާ މި ބޯޓުގައި 12 ބިޒްނަސް ކްލާސް ސީޓާއި 156 އިކޮނޮމީ ކްލާސް ސީޓު ހިމެނެ އެވެ.

މި ބޯޓަކީ ޗެކް ރިޕަބްލިކްގެ އޮޕަރޭޓަރެއް ކަމަށްވާ ޓްރެވަލް ސާވިސާސް އިން ކުއްޔަށް ގެނައި ބޯޓެއް ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް ބޯޓުގެ ބޭރުގައި ހުންނާނީ މެގަ މޯލްޑިވްސްގެ ފްލައިޓްތަކުގެ ޑިޒައިންތަކާއި އެ އެއާލައިނުގެ ލޯގޯ އެވެ.

ބޯޓުގެ ދެ ފަރާތުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރާ "ވިޒިޓް މޯލްޑިވްސް" ލޯގޯ ޖަހާފައިވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ޓްރެވަލް ސާވިސާސްއާ އެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން ބެކްއަޕް އެއާކްރާފްޓަކަށް ބޭނުން ޖެހިއްޖެ ނަމަ އެކަން ވެސް ވަނީ ހަމަޖެހިފައި. އާ ބޯޓުގެ ފިޔަގަނޑު ފަރުމާކޮށްފައިވާ ގޮތުގެ ސަބަބުން، އެންމެ ދުރު ދަތުރު ކަމަށްވާ މާލެ އާއި ހޮން ކޮންގް ފްލައިޓުގައި އުފުލޭ މީހުންނާއި މުދަލުގެ އަދަދު އިތުރު ކުރުމުގެ ފުރުސަތު ލިބޭ. މިއީ ކަސްޓަމަރުންނަށާއި ކުންފުންޏަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" މެގަގެ ސީއީއޯ ޖޯޖް ވެއިންމެން ވިދާޅުވި އެވެ.

މެގަ މޯލްޑިވްސުން އިންޑިއާ އަށް ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ އެ ގައުމުގެ ސިވިލް އޭވިއޭޝަނުން ލިބިފައި ވަނީ މިދިޔަ މަހު 17 ގަ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏެއް ގުޅިގެން 2009 ވަނަ އަހަރު ފެށި މެގަ އަށް ވަނީ ޗައިނާ އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން މާލީ ދަތިކަމާ ވެސް ކުރިމަތިވެފަ އެވެ. އެގޮތުން މިދިޔަ މަހު އެ އެއާލައިނުގެ 65 މަގާމެއް އުވާލައި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް، ކުންފުނި ރީސްޓްރަކްޗާ ކުރަން ވަނީ ނިންމާފަ އެވެ.