ޔޫރަޕުގެ ނޯޑިކް ސަރަހައްދުގެ ގައުމުތަކަށް ހާއްސަކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރެޝަން (އެމްއެމްޕީއާރުސީ) އިން ރޯޑް ޝޯއެއް ފަށައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ރޯޑްޝޯ ޑެންމާކުގެ ވެރިރަށް ކޮޕަންހޭގަންގައި އިއްޔެ ވަނީ ފަށައިފަ އެވެ. މިއަދު މި ހަރަކާތް ކުރިއަށްދާނީ ނޯވޭގެ ވެރިރަށް އޮސްލޯގަ އެވެ. އަދި މާދަމާ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ރޯޑް ޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު 15 ވަނަ ދުވަހު މި ހަރަކާތް ކުރިއަށްގެންދާނީ ފިންލެންޑުގެ ވެރިރަށް ހެލްސިންކީގަ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ރޯޑް ޝޯ ކުރިއަށްދާ ދުވަސްތަކުގައި ނޯޑިކް ސަރަހައްދުގެ ގައުމުތަކުގެ ޓޫރިޒަމާ ގުޅޭ ނޫސް މަޖައްލާތަކުގައި ހަރަކާތާ ގުޅޭ ޚަބަރު ޖަހާނެ ކަމަށެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ރޯޑް ޝޯގައި ރާއްޖޭގެ 13 ކުންފުންޏަކުން ބައިވެރިވާއިރު އެ ފަރާތްތަކަށް ނޯޑިކް ސަރަހައްދުގެ ބޮޑެތި އައުޓްބައުންޑް ޓުއާ އޮޕްރޭޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ޔޫރަޕު ގައުމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ދަތުރުކުރާ ސަރަހައްދަކީ ނޯޑިކް ސަރަހައްދެވެ. އެގޮތުން ނޯޑިކް ސަރަހައްދުގެ ގައުމުތަކުގެ ޓޫރިސްޓުން އެހެން ގައުމުތަކު ޓޫރިސްޓުންނާ އަޅާބަލާއިރު 90 ޕަސެންޓް އިތުރަށް ހަރަދު ކުރެ އެވެ.