ރާއްޖޭގެ ޓޫރިޒަމް ބްރޭންޑު "ދަ ސަނީ ސައިޑް އޮފް ލައިފް" އާ ގުޅޭ ސާވޭއެއް ހަދަން އެމްއެމްޕީއާރުސީން ފަށައިފި އެވެ.

މި ސާވޭގައި، 2003 ވަނަ އަހަރުން ފެށިގެން ބޭނުން ކުރަމުން އަންނަ މި ޓެގް ލައިނުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގޮސްފައިވާ މިންވަރު ދިރާސާ ކުރާނެ އެވެ. އަދި ސާވޭ އިން ލިބޭ މައުލޫމާތުން، ކުރިއަށް އޮތް ތަނުގައި ރާއްޖެ އިޝްތިހާރު ކުރާނެ ގޮތްތައް އެނގޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

"ދަ ސަނީ ސައިޑް އޮފް ލައިފް" ބޭނުން ކުރަން ފެށިފަހުން އެކި އެކި ސަބް ޓެގް ލައިންތައް ބޭނުންކޮށްގެން ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރި ސަބް ޓެގް ލައިންތައް

- "ދަ ރޮމޭންޓިކް ސައިޑް އޮފް ލައިފް"

- "ދަ ކަލަފުލް ސައިޑް އޮފް ލައިފް"

- "ދަ ތްރިލިން ސައިޑް އޮފް ލައިފް"

- "ދަ ސްޕިރިޗުއަލް ސައިޑް އޮފް ލައިފް"

- "ދަ ފަން ސައިޑް އޮފް ލައިފް"

- "ދަ ކަލްޗުރަލް ސައިޑް އޮފް ލައިފް"

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވި ގޮތުގައި ބްރޭންޑު މެސެޖެއް ފޯރުކޮށްދިނުމަކީ ވަރަށް ވަގުތު ހޭދަވާ ކަމެކެވެ. އެހެންކަމުން މިހާރު ދުނިޔެ އަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ޕްރޮފެޝަނަލް ބްރޭންޑް ގައިޑްލައިނެއް ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮތުމަށް ފަހު އަލުން ހުޅުވާލުމުގެ ގޮތުން އެމްއެމްޕީއާރުސީން ބޭނުން ކުރަމުން އަންނަނީ "ރީޑިސްކަވާ ދަ ސަަނީ ސައިޑް އޮފް ލައިފް" މި ޓެގްލައިނެވެ. މިއީ "ވަން އައިލެންޑް - ވަން ރިސޯޓް" (އެއް ރަށެއް- އެއް ރިސޯޓު) މި ކޮންސެޕްޓާ އެއްގޮތަށް ކުރިއަށްގެންދާ ކެމްޕޭނެެކެވެ.