ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ދައުވަތު ދީގެން މިފަހަރު ފްރާންސްގެ ނޫސްވެރިންގެ ޓީމެއް ގެނެސްފި އެވެ.

މީގެ ކުރިން ވެސް އެމްއެމްޕީއާރްސީން ވަނީ އެކި ގައުމުތަކުގެ ނޫސްވެރިންނާއި ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ އެތައް ބަަޔަކު ރާއްޖެ ގެނެސްފަ އެވެ.

މި މަހުގެ 16 ވަނަ ދުވަހާ ހަމަ އަށް މި ޓީމް ރާއްޖޭގައި ޗުއްޓީ ހޭދަކުރާނެ އެވެ. މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ވެލައްސަރު، ހުވަފެންފުށި، ޔޮޓް މޯލްޑިވްސް އަދި ކަނޑިންމަ ރިސޯޓުގަ އެވެ.

ފްރާންސްގެ ނޫސްވެރިންގެ ޓީމުގައި ނީސް މާޓިން އާއި ޕެރިސްމެޗާއި ޓައިމްއައުޓްގެ އިތުރުން އެލް އޮފިޝަލް އަދި މޭރީ ފްރާންސަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިން ހިމެނެ އެވެ. މި ނޫސްވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ކަނޑު އަޑީގެ މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތާއި ސްޕާ އަދި ޔޯގާ ފަދަ ހަރަކާތަތްކުގެ ތަޖުރިބާ ކުރުމަށް ފަހު އެ ތަޖުރިބާތަކާ ގޫޅޭގޮތުން ލިޔާނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މިކަމުގެ ސަބަބުން ފްރާންސްގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެ ކަމަށެވެ.

ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފްރާންސްގެ 44،792 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ.

މިގޮތަށް ބާއްވާ މީޑިއާ ދަތުރުތަކުގެ ސަބަބުން މިއަދަދު އަންނަ އަހަރު އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.

ފްރާންސުގެ މި ޓީމަކީ އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ސިލްސިލާ މީޑިއާ ދަތުރުތަކުގެ ތެރެއިން 17 ވަނަ ޓީމެވެ. މި ޓީމްތަކުގެ ތެރެއިން މި މަސްތެރޭގައި ރާއްޖެ އަށް ޒިޔާރަތްކުރި އިޓަލީގެ މީޑިއާ ޓީމް އަދިވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންނެވެ.