ރާއްޖެ، އެކި ގައުމުތަކުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ "ފެމިލިއަރައިޒޭޝަން" ދަތުރުގައި ދެކުނު އެފްރިކާގެ މީޑިއާ ޓީމެއް އަތުވެއްޖެ އެވެ.
މިއީ، "ފެމިލިއަރައިޒޭޝަން" ދަތުރުގެ މި އަހަރުގެ ފުރަތަމަ ހަރަކާތެވެ.
އެމްއެމްޕީއާރުސީ އާއި އަމިއްލަ ޖަމިއްޔާތަކުން ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މިފަދަ ހަރަކާތްތައް މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި މީގެ ސަބަބުން ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިުނު ކަމަށް އެމްއެމްޕީއާރުސީން ގަބޫލު ކުރެ އެވެ.
ދެކުނު އެފްރިކާއިން އައި މި ފަހަރުގެ މީޑިއާ ޓީމުގައި ހިމެނެނީ އެ ގައުމުގެ "ސެއިލް އެންޑް ލެއިޝާ" އާއި "ވައިލްޑް ސައިޑް" އާއި "ގެޓްއަވޭ" އަދި "ކޮސްމޮޕޮލިޓަން" އާއި "ކުލުމާ" ފަދަ މަޖައްލާތަކުގެ ނޫސްވެރިންނެވެ. މި ދަތުރުގައި ނޫސްވެރިން ކުރާ ތަޖުރިބާތައް އެ ނޫސްވެރިއަކު ތަމްސީލް ކުރާ މަޖައްލާއެއްގައި ޝާއިއު ކުރާނެ އެވެ.
މުޅި އެކު، ހަ ދުވަހުގެ މި ދަތުރުގައި ނޫސްވެރިން ތިބުމަށް ހަމަޖެހިފައި ވަނީ މިރިހި އައިލެންޑް ރިސޯޓާއި އަދާރަން ކްލަބު ރަންނާޅި އާއި އަދާރަން ސިލެކްޓް މީދުއްޕަރުގަ އެވެ. މި ދުވަސްތަކުގައި، އެ ރިސޯޓުން ލިބެން ހުންނަ ހިދުމަތްތަކާއި ރެސްޓޯރެންޓުތަކުގެ ކެއުންތަކާއި ކޯމަސް ބަލައިލަން ދިއުން ފަދަ ކަންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއަރުސީން ބުންޏެވެ.
ދެކުނު އެފްރިކާ އަކީ ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެކެވެ. އެގޮތުން، މިދިޔަ އަހަރު އެ ގައުމުން 9،545 ޓޫރިސްޓޫން ރާއްޖެ އަށް ޒިޔާރަތް ކުރި އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 23.1 ޕަސެންޓް ކުރިއެރުމެކެވެ.