ހުޅުމާލޭގެ ފިޔަވަތީގައި ދިރިއުޅޭ ކުުދިންނަށް ކްލާސް ރޫމެއް އަޅަން، ދައުލަތުގެ ޓެކްސް އިދާރާ މީރާގެ މުވައްޒަފުންގެ ފަރާތުން 65،000ރ. އިއްޔެ ހަދިޔާ ކޮށްފި އެވެ.

އެ އިދާރާ އިން ބޭއްވި ކުޑަކުދިންގެ ހަވީރު ގައި، މި ފައިސާ ފިޔަވަތީގެ އިސްވެރިންނާ ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. މި ހަވީރުގައި ޑެޕިއުޓި ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު އާއި ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް ވެސް ބައިވެރިވެވަޑައިގަތެވެ.

މީރާ އިން ކޮންމެ އަހަރަކު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ އެ އިދާރާގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މި ކުޑަކުދިންގެ ހަވީރު ގައި ފިޔަވަތީގެ ކުދިންނާ އެކު، މީރާގެ މުވައްޒަފުން ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެ އެވެ.

ކޮމިޝަނާ ޖެނެރަލް ފަތުހުﷲ ޖަމީލް ވިދާޅުވީ، މިއީ މީރާގެ މުވައްޒަފުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އިޖުތިމާއީ މިފަދަ ގިނަ ހަރަކާތްތައް މީރާގެ ކްލަބުންނާއި އެ އިދާރާގެ މުވައްޒަފުން ކޮންމެ އަހަރަކު ރާވައި ހިންގަމުން އަންނަ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

މީރާގެ މުވައްޒަފުން އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކު ފިޔަވައްޗަށް ވަމުން އަންނަ އެހީ އަށް ފިޔަވަތީގެ ސީއީއޯ ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ އިދާރާގެ މި މަސައްކަތުން އިބުރަތް ހާސިލްކޮށް، ކުރިމަގުގައި އިތުރު މުއައްސަސާތަކުން ވެސް މިފަދަ ހަރަކާތްތައް ހިންގާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.