ޖަލަށް އެތެރެކުރަން ތައްޔާރުކޮށްފައިވާ ތަކެއްޗާއެކު ހުޅުމާލެ ދެވަނަ ފިޔަވަހިން ހައްޔަރުކުރި މީހުންގެ އަތުން ފެނުން ތިޖޫރީ އަކީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ)ގެ ހުޅުމާލެ އޮފީހުން ވަގަށް ނެގި ތިޖޫރީ ކަމަށް ފުލުހުން ބުނެފި އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރަކަށް ތިޖޫރީއެއް ހިފައިގެން އަރަނިކޮށް ފުލުހުން ފެނުމާ އެކު ފިލަން އުޅެނިކޮށެވެ. މި ދެ މީހުން ފިލަން ދުއްވައިގަތީ ތިޖޫރީ ދޫކޮށްލައިފަ އެވެ.
އެ ދެ މީހުން ހުއްޓުވައި، ތިޖޫރީ ބަލައި ފާސްކުރި ފުލުހުންނަށް އެއްވެސް އެއްޗެއް ނުފެނެ އެވެ. ނަމަވެސް ފަހުން ހިޔާ ފްލެޓެއްގެ ތެރޭގައި އެ މީހުން ގެންގުޅުނު، ޖަލަށް ވައްދަން ތައްޔާރު ކޮށްފައި ހުރި ގިނަ އަދަދެއްގެ ސާމާނު ވަނީ ހޯދައިފަ އެވެ.
އެ މައްސަލާގައި ފުލުހުން ހަ މީހަކު ހައްޔަރު ކުރި އެވެ.
ފުލުހުން ބުނީ އެ މީހުން އަތުން ފެނުނު ތިޖޫރީ އަކީ ހުޅުމާލޭގައި ހުންނަ މީރާ އޮފީހުގެ ތިޖޫރީއެއް ކަން މިހާރު ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 17 ވަނަ ދުވަހު މީރާ އޮފީހުން ތިޖޫރީ ވަގަށް ނަގާފައި ވަނީ ދޮރު ހަލާކު ކޮށްލައިގެން ވަދެ ކަމަށާއި ތިޖޫރީގައި 2،000-1،800 އެއްހާ ރުފިޔާ ހުންނާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި 20 އަހަރުގެ މީހާ ޝަރުތުތަކާ އެކު ކޯޓުން ތިބީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ދެން ތިބި ހަތަރު މީހުންނަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.