ޖަލަށް އެތެރެ ކުރުމަށް ތައްޔާރުކޮށްފައިވާ ބައެއް ތަކެތި ހިޔާ ފްލެޓަކުން ހޯދައި، ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރަކަށް ތިޖޫރީއެއް ހިފައިގެން އެރި ދެ މީހުން ފުލުހުން ފެނުމާ އެކު ތިޖޫރީ އެއްލާލުމަށް ފަހު ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެ މީހުން ހުއްޓުވައި ތިޖޫރީ އާއި ދެ މީހުން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށާއި ނަމަވެސް އިތުރަށް ސުވާލު ކޮށްގެން އޮޕަރޭޝަން ކުރިޔަށް ގެންދިޔަ އިރު ހިޔާގެ ދެވަނަ ޓަވަރުގެ އެޕާޓްމަންޓަކުން އެ ތިޖޫރީއަށް އަޅައިގެން ގެންގުޅުނު ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވާ ކަމަށެވެ.
އެގޮތުން 18 ފޯނާއި، 28 ޗާޖަރާއި، 28 ހެޑް ސެޓާއި، 10 މެމޮރީ ކާޑާއި 12 ސިމް ކާޑު އަދި އެހެނިހެން ތަކެތި އެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެއްޗަކީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައި ހުރި ތަކެތި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ހަތަރު މީހަކާ އަދި 24 އަހަރުގެ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.