މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެގެން ހިންގަން ދަތިވެފައިވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާ ހަވާލުވުމުގެ ކަންތައްތައް މި ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ސަރުކާރަށް ބަރޯސާވެފައިވާ ދައުލަތުގެ މަސް ކުންފުނި، އެންމެ ފަހުން ބުރާސްފަތި ދުވަހު އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ވަނީ ހަވާލުވެފަ އެވެ.
މިފްކޯއާ ހަވާލުވުމުގެ ކަންތައްތަކާ ބެހޭ ގޮތުން "މިހާރު"އާ ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު މިއަދު ވިދާޅުވީ މިފްކޯއާ ހަވާލުވުމުގެ ކުރިން އެތަނުގެ އޮނިގަނޑު ރޭވިފައި އޮތްގޮތް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔެކިއުންތައް ލިބި، މި ހަފުތާގެ ތެރޭގައި އެ ކުންފުންޏާ ހަވާލުވުމުގެ ކަންތައްތައް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފްކޯ ހިންގާނީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައިތޯ ނުވަތަ ޑިޕާޓްމަންޓެއް ގޮތުގައިތޯ ނިންމާނީ އެ ކުންފުންޏާ ގުޅޭ ޑޮކިއުމަންޓް ލިބިގެން. މި ހަފުތާގެ ތެރޭގައި އެކަމާ ބެހޭ ލީގަލް ކަންތައްތައް ފެށޭތޯ މިބަލަނީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯއާ ހަވާލުވުމުގެ ކަންތައްތައް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކުރުމަށް ފަހު ނިންމާ ކަންތައްތައް ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށެވެ.
މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.
ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލުން ބުނި ގޮތުގައި މަސްވެރިންނަށް ނުދެވި ދެ މިލިއަން ރުފިޔާގެ ދަރަންޏެއް މިހާރު ވެސް އެބަ އޮތެވެ. އެ ފައިސާ ސަރުކާރުން މަސްވެރިންނަށް ދައްކާނެ ކަމަށް ކައުންސިލުން ބުންޏެވެ.
އިކޮނޮމިކް ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ، އެ ކުންފުނީގެ ދަރަނި ބޮޑުވުން ކަމަށާއި އެއީ ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.