މާ ވިއްކާ ފިހާރައެއް ފުރަތަމަ ފަހަރަށް އިކިބާނާ މޯލްޑިވްސް އިން ހުޅުމާލޭގައި އިއްޔެ ހުޅުވައިފި އެވެ.

"ފްލޮރިސްޓް ހުޅުމާލެ" ގެ ނަމުގައި ހުޅުމާލޭގައި މާ ވިއްކާ ފިހާރަ ހުޅުވި ކުންފުނިން މާލޭގައި ވެސް ފިހާރައެއް ހިންގަ އެވެ. ސޯސަންމަގުގައި ހުންނަ "ފްލޮރިސްޓް މާލެ" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިިހާރައެކެވެ.

އިކިބާނާ އިން ބުނި ގޮތުގައި ހުޅުމާލޭ މައި މަގުގައި، ވަޅޯމަސް ކެފޭއާ ޖެހިގެން ހުންނަ ފިހާރައަކީ ވެސް ހިތްގައިމު، ހުޅުމާލޭގެ ވެއްޓާ ގުޅުންހުރި ގޮތަކަށް ޑިޒައިން ކޮށްފައިވާ ފިހާރައެކެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ފިހާރައިގެ ސަބަބުން ޓޫރިޒަމް ދާއިރާ ކުރިއަރައި، ހުޅުމާލޭގައި އުޅޭ އާންމުންނަށް ވެސް ފައިދާ ކުރާނެ އެވެ. އެގޮތުން، އެކި މުނާސަބާތުތަކަށް ތާޒާ މާ އެ ތަނުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮޓާތަކާއި ގެސްޓްހައުސް އަދި ލަގްޒަރީ އެޕާޓްމަންޓްތަކުގެ އިންޓީރިއާ ޑިޒައިންކުރަން އެކި ކަހަލަ މަލާއި ގަސް އަޅުގަނޑުމެން ފޯރުކޮށްދޭނަން. އަދި ހުޅުމާލޭގެ ފިހާރައިގައި އަޅުގަނޑުމެންގެ އެންމެ މޮޅު ފްލޮރިސްޓު ހަރަކާތްތެރި ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެ ފިހާރައިގައި ތިބޭ ފްލޮރިސްޓުންނަކީ މާ ބޮކޭތަކާއި އެރޭންޖްމަންޓުތައް ހެދުމުގެ ޓްރެއިނިން ހޯދާފައިވާ ހުނަރުވެރި ފްލޮރިސްޓުންނެވެ. އަދި ފިހާރައިގެ ލީޑް ޑިޒައިނަރު ފިހާރަ އަށް ގަވާއިދުން ގޮސް، މާތަކުގެ ތާޒާކަމާއި ކޮލިޓީ ބަލާނެ އެވެ. އެ ތަނުގައި ވިއްކާ ހުރިހާ މަލަކީ ވެސް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ މާކެޓުތަކުން ރާއްޖެ ގެންނަ މަލެވެ

އިކިބާނާގެ ކާމިޔާބީގެ ފަހަތުގައި ހުރީ ބޭރު ދުނިޔޭގައި ވެސް މަޝްހޫރު ދިވެހި ފްލޮރިސްޓެއް ކަމަށްވާ އަބްދުﷲ ނާޝިދެވެ. މަލުން ތަފާތު ޑިޒައިންތައް ހެދުމުގައި ރާއްޖޭގައި އެފަދަ ދެވަަނައެއް ނެތް ނާޝިދުގެ އެންމެ ހާއްސަ ކަމަކީ ބީޗުގައި ބާއްވާ ތަފާތު ހަފުލާތަކަށް އޭނާ ތައްޔާރުކޮށްދޭ މަލުގެ ޑިޒައިންތަކެވެ. އެއާ އެކު، އޭނާ ވެފައިވަނީ ކައިވެންޏާ ބެހޭ ބޭރުގެ މަޖައްލާތަކަށް ވެސް އިންޓަވިއު ދޭ ތަޖުރިބާކާރެއްގެ ގޮތުގަ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން ބާއްވާ މަތީ ފަންތީގެ ކައިވެނި ހަފުލާތަކަށް އިކިބާނާ އިން ޒަމާނީ ޑިޒައިންތައް ހަދައިދެ އެވެ. މާލެ އާއި ރިސޯޓުތަކުގައި ބާއްވާ ހަފުލާތައް މަލުން ޒީނަތްތެރި ކޮށްދޭއިރު، އެ ކުންފުނިން ހިދުމަތް ދޭ ރިސޯޓް ބްރޭންޑުތަކުގެ ތެރޭގައި ފޯ ސީޒަންސް، އަނަންތަރާ، ޝަންގްރިއްލާ އަދި ސްޓާވުޑް ހޮޓެލްސް ފަދަ ތަންތަން ހިމެނެ އެވެ. އަދި ރާއްޖެ އަންނަ މަޝްހޫރު ފަރާތްތަކުން އެދޭ މަލުގެ ޑިޒައިންތައް ވެސް އެ ކުންފުނިން ތައްޔާރުކޮށްދެ އެވެ.