ރާއްޖޭގެ ފެޝަން ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް ބާއްވާ "ބްރައިޑް ފެއާ" މިރޭ ފަށައިފި އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ބްރައިޑް މޯލްޑިވްސް އިން ކޮންމެ އަހަރަކު އިންތިޒާމް ކޮށްގެން ބާއްވާ ފެއާ މި އަހަރު ލައިވް މިއުޒިކާ އެކު ފެށުމަށް ފަހު ރަސްމީކޮށް ހުޅުވައިދެއްވީ ފެއާގެ މެއިން ސްޕޮންސަރު ކަމަށްވާ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހެވެ. އެ އަށް ފަހު، ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފީ ވަނީ ސްޓޯލްތަކުގެ ތައާރަފެއް ދެއްވައި، ފެއާގައި ބައިވެރިވި ފަރާތްތަކަށާއި ސްޕޮންސަރުން އަދި ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ބްރައިޑް ފެއާގެ މަގްސަދަކީ ރާއްޖޭގައި ތިބި ޓެލެންޓެޑް ފަރާތްތަކުގެ މަސައްކަތް އަޅުގަނޑުމެން ދައްކައިލުން، ގިނަ ބަޔަކަށް ހުޅުވައިލުން. އަދި އޭގެ އިތުރުން އަޅުގަނޑުމެން ބޭނުންވޭ ކޮންމެ އަހަރަކު ވެސް އާ ޓެލެންޓް މި ތަނުން ފެނިގެން ދާން ތިބޭފުޅުންނަށް އަދި ގިނަ ދޮރުތަކެއް ވެސް ހުޅުވިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ބްރައިޑް ފެއާގެ މެއިން ސްޕޮންސަރު ކަމަށްވާ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހް ފެއާ މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބްރައިޑް ފެއާގެ މެއިން ސްޕޮންސަރު ކަމަށްވާ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް ރިލޭޝަންސް މުސްލިހް މަސީހް ފެއާ މިރޭ ހުޅުވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބޭރުގޭގައި ކުރިއަށް ގެންދާ މި ފެއާގައި މި ފަހަރު 29 ސްޓޯލް ހުރެ އެވެ. އޭގެ ތެރޭގައި އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާ ފިލިޕްސް ބްރޭންޑުގެ އިތުރުން، ލެކިއުޓާއި ކައުންޓްލައިނާއި ފިނެސް އާއި އެފެސް ކޭކްސް އާއި ހީޓް ސެލޫނާއި ސީޒާ ސެލޫން އަދި ޝެރީ ސެލޫން ފަދަ ތަންތަން ހިމެނެ އެވެ.

މިއީ ފަސްވަނަ ބްރައިޑް ފެއާ ކަމަށް ވާއިރު، މި އަހަރު ވެސް ފެއާގެ ކޮންމެ ރެއަކު ހާއްސަ ފެޝަން ޝޯއެއް އޮންނާނެ އެވެ. އެ ގޮތުން، ފެއާގައި ބައިވެރިވާ ހަތް ޑިޒައިނަރުން ތައްޔާރުކޮށްފައިވާ އެކި ވައްތަރުގެ ހެދުންތައް ދައްކާލުން އޮންނާނެ އެވެ. އޭގެ ތެރޭގައި ކައިވެނި ކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލް ޑިޒައިންތަކާއި މުޅިން އާ ޑިޒައިންތައް ވެސް ހިމެނެ އެވެ.

ބްރައިޑް ފެއާގެ ތެރެއިން މިރޭ ބޭއްވި ފެޝަން ޝޯގައި ހެދުމެއް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ބްރައިޑް ފެއާގެ ތެރެއިން މިރޭ ބޭއްވި ފެޝަން ޝޯގައި ހެދުމެއް ދައްކާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފެއާ ހުޅުވުމަށް ފަހު މިރޭ ބޭއްވި މިފަހަރުގެ ފުރަަތަމަ ފެޝަން ޝޯގައި ވަރަށް ހާއްސަ ކަމެއް ވެސް ފެނިގެން ދިޔަ އެވެ. އެ ގޮތުން، ޑައުންސް ސިންޑްރޯމް ހުންނަ ކުޑަކުއްޖެއް ކަމަށްވާ ޒާނާ އަލީ ޝަރީފް، 11، ވަނީ މޮޑެލްކޮށްފަ އެވެ. ކުރިން ބޭއްވި ބްރައިޑް ފެއާތަކާއި ރާއްޖޭގައި ބޭއްވި އެއްވެސް ފެޝަން ޝޯއެއްގައި ވެސް އެފަދަ ކުއްޖަކު ބައިވެރިވެފައެއް ނުވެ އެވެ.

ބްރައިޑް ފެއާގައި ޒާނާ މިރޭ ބައިވެރިވަނީ.-- ފޮޓޯ: ބިއުޓިފުލް އައިޒް
ބްރައިޑް ފެއާގައި ޒާނާ މިރޭ ބައިވެރިވަނީ.-- ފޮޓޯ: ބިއުޓިފުލް އައިޒް

ކައިވެނި ހަފްލާތަކަށް ތައްޔާރުވާ މީހުންނަށް ހާއްސަ ޕެކޭޖުތަކާއި އާ އުފެއްދުންތައް ވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ މި ފެއާ ހުޅުވާފައި ހުންނާނީ ކޮންމެ ރެއަކު 8:30 އިން 11:30 އަށެވެ.

ޝާފީ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ފެއާ އަށް ދަރުބާރުގޭގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ޖާގަ ތަނަވަސްކޮށް، ފެއާ އަށް ޒިޔާރަތް ކުރާ ފަރާތަކަށް ހުރިހާ ސްޓޯލެއް ވެސް ފަސޭހައިން ފެންނާނެ ގޮތަށެވެ.

މި އަހަރުގެ ފެއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. އަދި ފެއާގެ ޓައިޓްލް ސްޕޮންސަރަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހަމަޖައްސާފައި ވާއިރު، އިތުރު ޕާޓްނަރުންގެ ތެރޭގައި ލިންޓެލް އިންވެސްޓްމަންޓް، ފިނެސް، ހީޓް ސެލޫން، ޕްރިންޓް ލެބް އަދި އެފެސް ކޭކްސް ހިމެނެ އެވެ. ފެއާގެ ސޭލްސް އެންޑް މާކެޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ މާކިޓެކްޓުންނެވެ.