ބްރައިޑް މޯލްޑިވްސް އިން ބާއްވާ ބްރައިޑް ފެއާ ކޮންމެ އަހަރަކު ވެސް ތަފާތުކުރެ އެވެ. އެ ފެއާ އަށް ލިބޭ ތަރުހީބު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު ފަހުގެ ފެއާތަކުގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ މީހުން ތޮއްޖެހި، ސްޓޯލްތައް ރަނގަޅަށް ބަލައިލަން އުނދަގޫވުމެވެ. މިއަހަރުގެ ފެއާ މާދަމާ ފަށާއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަމަކީ ތަނުގެ ޖާގަ ތަނަވަސްކޮށް، ސްޓޯލްތައް ރަނގަޅަށް ފެންނާނެ ގޮތް ހެދުމެވެ.
މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ފަށާ ރާއްޖޭގެ ފެޝަން ދާއިރާގެ އެންމެ ބޮޑު ފެއާ އިންތިޒާމްކުރާ ބްރައިޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާފީ ވިދާޅުވި ގޮތުގައި މިއަހަރުގެ ފެއާގެ އެރޭންޖުމަންޓް ހަދާފައި ވާނީ ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ހުރިހާ ސްޓޯލެއް ބަލާލެވޭނެ ގޮތަށެވެ.
"ކުރީ އަހަރުތަކުގައި ފެއާ އޮންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި. ސްޓޯލްތަކާ ކައިރިވާން ބައެއް ފަހަރު ވަރަށް އުނދަގޫ ވެފަ އޮންނަނީ. މިފަހަރު ފެއާގެ އެރޭންޖުމަންޓް ހަދާފައިވާ ގޮތުން، ފަސޭހައިން ފެއާގައި އުޅެލެވޭނެ،" ޝާފީ ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި މިއަހަރުގެ ފެއާގައި 29 ސްޓޯލް ހުންނާނެ އެވެ. އަދި އެހެން އަހަރުތަކާ އެއްގޮތަށް ބައެއް ސްޓޯލްތަކުން އާ އުފެއްދުންތައް ބާޒާރަށް ނެރެ، ކައިވެންޏަށް ތައްޔާރުވަމުންދާ މީހުންނަށް ހާއްސަ ޕެކޭޖުތައް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތީ ރާއްޖޭގެ "ވެޑިން ސީޒަން"ތައް ކަމަށާއި މި ފެއާ ވެގެން ދާނީ އެކަމަށް ތައްޔާރުވާ މީހުން ޒިޔާރަތް ކޮށް، ބޭނުންވާ ހިދުމަތްތަކުން ހާއްސަ އަގުތައް ހޯދުމަށް ރަނގަޅު ފުރުސަތަކަށް ކަމަށެވެ.
މިއަހަރުގެ ފެއާގައި ހަތް ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލާނެ އެވެ. ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ފެއާ ހުޅުވާފައި ހުންނާނީ ރޭގަނޑު 8:30 އިން 11:30 އަށެވެ.
މިއަހަރުގެ ފެއާގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ. އަދި ފެއާގެ ޓައިޓްލް ސްޕޮންސަރަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހަމަޖައްސާފައިވާ އިރު އިތުރު ޕާޓްނަރުންގެ ތެރޭގައި ލިންޓެލް އިންވެސްޓްމަންޓް، ފިނެސް، ހީޓް ސެލޫން، ޕްރިންޓް ލެބް އަދި އެފެސް ކޭކްސް ހިމެނެ އެވެ.
މިއަހަރުގެ ފެއާގެ ސޭލްސް އެންޑް މާކެޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ މާކިޓެކްޓުންނެވެ. ބްރައިޑް ފެއާ ފުރަތަމަ ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. މި ފެއާ އަކީ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ކޮންމެ އަހަރަކު ވެސް ލިބޭ ފެއާ އެކެވެ.