ދަރުބާރުގޭގައި ކުރިއަށްދާ ފަސް ވަނަ ބްރައިޑް ފެއާގައި ހަތް ޑިޒައިނަރެއްގެ ތަފާތު ކަލެކްޝަންތަކެއް ވަނީ ހުށަހަޅައިދީފަ އެވެ. ބްރައިޑް ފެއާގައި ދައްކާލަނީ ހަމައެކަނި ކައިވެނިކުރާއިރު ލާ ހެދުމެއް ނޫނެވެ. ޑިޒައިނަރުން އެމީހުންގެ ފަރުމާކުރުމުގެ ހުނަރު އެކި ގޮތްގޮތަށް ދައްކާލަ އެވެ. އެކި މުނާސަބަތުތަކާ ގުޅޭ ހެދުންތައް ދައްކާލަ އެވެ.

ބްރައިޑް ފެއާގައި ފުރަތަމަ ފެޝަން ކަލެކްޝަން ހުށަހަޅައިދިނީ ޑިޒައިނާ ހައްވަ އެވެ. އޭނާގެ ކަލެކްޝަންގެ ފުރަތަމަ ޑިޒައިނަކީ ދިވެހި ސަގާފީ، ލިޔެލާޖެހި ކުރެހުންތަކެއް ހިމަނާފައިވާ ރަތް ކުލައިގެ ދިގު ޕާޓީ ހެދުމެކެވެ. ދިވެހިވަންތަ ހެދުންތަކުގެ އިތުރުން ހުދު ވެޑިން ގައުން އަދި ބުރުގާއާ އެކު އަޅާލެވޭނެ މިންޓް ފެހި ކުލައިގެ ހިތްގައިމު ގައުނެއް ވެސް ރަންވޭ މަތިން ފެނުނެވެ.

ހައްވަގެ ކަލެކްޝަންގައި އަންހެނުންނަށް ހާއްސަ ޑިޒައިންތަކުގެ އިތުރުން، ކުޑަ އަންހެން ކުދިންނަށް ވެސް ފަރުމާކޮށްފައިވާ ޑިޒައިންތަކެއް ދައްކާލި އެވެ. ހައްވަގެ ޑިޒައިން ކަލެކްޝަން ހުށަހަޅާދިން މޮޑެލުންގެ ތެރޭގައި، ޑައުންސް ސިންޑްރޯމް ހުންނަ 11 އަހަރުގެ ޒާނާ އަލީ ޝަރީފް ހިމެނެ އެވެ. ޕާޓީ ހެދުމެއްގައި ނަލަ ގޮތަކަށް ޒާނާ ރަންވާ މަތީގައި ހިނގާލައި ޝޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.

ބްރައިޑް ފެއާގައި ޒާނާ .-- ފޮޓޯ: ބިއުޓިފުލް އައިޒް
ބްރައިޑް ފެއާގައި ޒާނާ .-- ފޮޓޯ: ބިއުޓިފުލް އައިޒް

ވައިބް މަޖައްލާގެ ފަރާތުން ޑިޒައިނާ ހަނާ މުހައްމަދުގެ ޑިޒައިންތަކެއް ވެސް ފެނިގެންދިޔަ އެވެ. ހަނާގެ ކަލެކްޝަންގައި ބޭނުންކޮށްފައި ވަނީ ކަޅާއި ހުދު ކުލަ އެވެ. ހަނާގެ ހެދުންތައް ފަރުމާކޮށްފައި ހުރީ ވަރަށް ޒަމާނީ ގޮތަކަށެވެ. ޕާޓީއަކަށް ނުވަތަ ހާއްސަ މުނާސަބަތަކަށް ލެވޭނެ އެކި ހެދުންތައް ފަރުމާކުރުމަށް އެކި ޓެކްނިކްތައް ބޭނުންކޮށްފައިވެ އެވެ. އަދި ކޮންމެ މޮޑެލެއްގެ އިސްތަށިގަނޑު ނަލަ ގޮތަކަށް ސްޓައިލްކޮށް، ހިތްގައިމު ތޮތްޕެއް ވެސް ހަރުކޮށްލާފައިވެ އެވެ. ތޮފިތައް ފަރުމާކޮށްފައި ވަނީ ވަރަށް އުފެއްދުންތެރި ތަފާތު ޑިޒައިންތަކަށެވެ.

ބްރައިޑް ފެއާގައި ހަނާ އާއި ހައްވަގެ އިތުރުން، އައްމަޑޭ، ޝިފް އަދި އަންހެނުންގެ ޖަމިއްޔާ ވިއަމްގެ ޑިޒައިންތައް ހުށަހަޅާދިނެވެ.

ޑިޒައިނާ ޝިފްގެ ލޭބަލް ޝިފް ކުޗުއާގެ ސްޓާލެއް މިއަހަރުގެ ފެއާގައި ފެނިގެންދާނެ އެވެ. އަދި އޭނާގެ ބްރައިޑަލް ކަލެކްޝަން ވެސް ރަންވޭ މަތިން ދައްކާލި އެވެ. ހުދު ކުލައިގެ ސެޓިން އާއި ލޭސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޕްރިންސަސް އަދި މާމެއިޑް ސްޓައިލްގެ ގައުންތައް އޭނާގެ ކަލެކްޝަންގައި ހިމެނެ އެވެ. ބުރުގާ އަޅާ މީހުންނަށާއި ބުރުގާ ނާޅާ މީހުންނަށް ހާއްސަ ގައުންތަކެއް ޝިފްގެ ކަލެކްޝަންގައި ފެނުނެވެ.

ބްރައިޑް މޯލްޑިވްސް އިން 2010 އިން ފެށިގެން ބާއްވާ މިރޭ ނިމޭނެ އެވެ. މިފަހަރު 29 ސްޓޯލާ އެކު ކުރިއަށް ގެންދާ މި ފެއާ ހުޅުވާފައި ހުންނާނީ ރޭގަނޑު 8:30 އިން 11:30 އަށެވެ.