އިންޑިއާ އަށް އިލެކްޓްރިކް "ކުރޮޅި"

އިންޑިއާގައި އެންމެ ފުޅާކޮށް އޮންލައިން ވިޔަފާރީގެ ހިދުމަތްދޭ އެމެރިކާގެ އެމެޒޯނުން އިންޑިއާގައި މުޅިން އަލަށް ޑެލިވަރީގެ ހިދުމަތަށް އިލެކްޓްރިކް ރިކްޝާ ބޭނުންކުރަން ފަށައިފި އެވެ.


މިކަން ޓްވިޓާގައި އިއުލާނުކުރައްވަމުން އެމެޒޯންގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖެފް ބެޒޯސް ވިދާޅުވީ ތިން ފުރޮޅުލީ އިލެކްޓްރިކް ރިކްޝާ އަކީ "ޒީރޯ ކާބަން" އުފެއްދުމެއް ކަމަށެވެ. މިއީ އެމެޒޯންގެ ކްލައިމެޓް ޕްލެޖްގެ ބައެކެވެ.

އެ ކުންފުނިން ވަނީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުން މަދުކޮށް، ޑެލިވަރީގެ ހިދުމަތްތަކަށް ބެޓެރި އުޅަނދުތައް ބޭނުންކުރަން ނިންމާފައިވާކަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ.

އެގޮތުން 2025 އާ ހަމައަށް އަންނަ އިރު އެމެޒޯންގެ ހިދުމަތްތަކަށް އިންޑިއާގައި ބޭނުންކުރާ އިލެކްޓްރިކް ފްލީޓްގެ އަދަދު 10،000 އަށް އިތުރުކުރަން ނިންމާފައިވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުގައި ޑެލިވަރީގެ ހިދުމަތަށް 2030 ހަމައަށް އަންނަ އިރު 100،000 އިލެކްޓްރިކް އުޅަނދު ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

އެމެޒޯންގެ ޓާގެޓަކީ 2040 ހަމައަށް އަންނަ އިރު އެ ކުންފުނި ކާބަން ނިއުޓްރަލް ކުންފުންޏަށް ފުރޮޅައިލުމެވެ.

އިންޑިއާގައި އެމެޒޯނުން ބެޓެރި ރިކްޝާ ބޭނުންކުރަން ފަށާފައި މި ވަނީ މިދިޔަ ހަފުތާގައި ޖެފް އިންޑިއާ އަށް ދަތުރެއް ވެސް ކުރައްވާފައި ވަނިކޮށެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިއާގައި ވިޔަފާރި ފުޅާކުރަން އިތުރުން އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އަލަށް އިލެކްޓްރިކް ރިކްޝާ ބޭނުންކުރަން ފެށި އިރު، މި ވަގުތު ބޭނުންކުރާ ރިކްޝާގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގައި މަސައްކަތްކުރާ އެމެޒޯންގެ ދާއިމީ މުވައްޒަފުންގެ އަދަދު 60،000 އަށް ވުރެ ގިނަ އެވެ. އަދި 155،000 މުވައްޒަފުން އެ ކުންފުންޏަށް އިންޑިއާގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރެ އެވެ.