ދުނިޔޭގެ އެކި ގައުމުތަކުގެ ގިނަ ލަވަތަކެއް އެއް ޕްލެޓްފޯމަކުން އަޑު އަހާލެވޭ "ސްޓިންގް ރޭ" މިޔުޒިކް އެޕް ދިރާގުން ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި އެޕްލިކޭޝަން ތައާރަފުކުރީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ހެދި ދިރާސާތަކަކަށް ފަހު ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ. މި އެޕްލިކޭޝަން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ބޭނުން ކުރެވޭނެ އެވެ.
ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަންސް މެނޭޖަރު އައިމިނަތު ޝޫޒާ ވިދާޅުވީ އެ ކުންފުނިން ހެދި ދިރާސާ އިން ގިނަ ކަސްޓަމަރުން އިނގިރޭސި ލަވަތަކަށް ޝައުގުވެރިވާކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ގިނަ ކަސްޓަމަރުން މިއުޒިކް އަޑު އަހަނީ އެޕްލިކޭޝަންތައް ގަނެގެން ކަމަށް ވުމުން މިއީ އެ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބެލީ ކިހިނެއްތޯ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފަސޭހައިން އިނގިރޭސި ލަވަތަކަށް އެކްސެސް ލިބޭނީ. މިގޮތުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ސްޓިންގްރޭ އަކީ އެންމެ މަގުބޫލު އެއް އެޕް ކަން،" ޝޫޒާ ވިދާޅުވި އެވެ.
ސްޓިންގް ރޭ އެޕް ގޫގުލް ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭއިރު މި އެޕުން ކޮންމެ ހަފުތާއެއްގައި ޗާޓުގެ އެންމެ ކުރިީގައި އޮންނަ 40 ލަވަ އަންގަ ދޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު މި ލިސްޓު އަންނާނީ ބަދަލު ވަމުންނެވެ.
މި އެޕްލިކޭޝަންގައި އެކި ޖޯންރާތަކުގެ ލަވަތައް ހިމެނެ އެވެ. ބޭނުންވާ ލަވަތައް ހިމަނައިގެން ޕްލޭ ލިސްޓެއް އަމިއްލަ އަށް ވެސް ހެދޭނެ އެވެ. އަދި ދުވެ ކަސްރަތުކުރުން ފަދަ ކަންކަމުގައި އުޅޭ އިރު އަހާލަން ހިތްގައިމު ލަވަތައް ވެސް ވަކި ޕްލޭ ލިސްޓުގެ ގޮތުގައި ލިބެން ހުންނާނެ އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ޖައިޝަން ހަމީދު (ޝަމް) ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ހިދުމަތްތައް އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ދިރާގުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރު ތެރޭގައި ވެސް ގިނަ އަދަދެއްގެ ޑިޖިޓަލް ހިދުމަތްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.