މެކްޑޮނަލްޑްސް އިން ޕްލާސްޓިކް ކުޅޭ އެއްޗެހި ދިނުން ހުއްޓާލަނީ

އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ކުންފުނި މެކްޑޮނަލްޑްސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ހެޕީ މީލްސްއާ އެކު ޕްލާސްޓިކް ކުޅޭ ސާމާނުދޭތީ އެކަން ހުއްޓައިލުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ދަރިވަރުންތަކެއް ކުރި ކެމްޕޭނަކާ ގުޅިގެން އެ ކުންފުނިން އެކަން ހުއްޓައިލަން ނިންމައިފި އެވެ.


އިނގިރޭސިވިލާތުގެ ޕްރައިމަރީ ސްކޫލްތަކެއްގައި ކިޔަވާ ދެ އަންހެން ކުއްޖަކު ހެޕީ މީލާ އެކު ދޭ ޕްލާސްޓިކް ކުޅޭ ސާމާނާ ދެކޮޅަށް ޕެޓިޝަން ހަދައި ކެމްޕޭންކޮށްފައި ވަނީ މިދިޔަ އަހަރު އެވެ. އަދި އެ ޕެޓިޝަންތަކުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ސޮއި ވެސް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މެކްޑޮނަލްޑްސް އިން ނެރުނު ބަޔާނެއްގައި ބުނީ ހެޕީ މީލާ އެކު ދޭ ޕްލާސްޓިކް ކުޅޭ ސާމާނު އަންނަ އަހަރުން ފެށިގެން ދިނުން އެއްކޮށް ހުއްޓައިލުމަށް ފަހު، ބަދަލުގައި ދޭނީ ފޮތިން ހަދާފައިވާ ސޮފްޓް ޓޯއިއެއް ނުވަތަ ކަރުދާހުން ހަދާފައިވާ ކުޅޭ އެއްޗެއް ނުވަތަ ފޮތެއް ކަމަށެވެ.

މެކްޑޮނަލްޑްސް އިން ބުނިގޮތުގައި ތިމާވެށީގެ އެންމެ ބޮޑު ހަތުރުކަމަށްވާ ޕްލާސްޓިކް މަދުކުރަން މި ކަހަލަ ފިޔަވަޅެއް އެޅުމަކީ އެ ކުންފުންޏަށް އަހަރަކަށް 30 މެޓްރިކް ޓަނުގެ ޕްލާސްޓިކް މަދުކުރެވޭނެ ކަމެކެވެ. އެއާ އެކު އިނގިރޭސިވިލާއި އަޔަލެންޑް ފަދަ ގައުމުތަކަށް ހެޕީ މީލާ އެކު ޕްލާސްޓިކް ކުނިބުނީގެ ނިސްބަތަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

"އަހަރެމެން ބޭނުންވޭ މެކްޑޮނަލްޑްސް އަކީ ތިމާވެށި ދެކެ ލޯބިވާ ތިމާވެއްޓަށް ގެއްލުން ހުރި ކަންކަމާ ދުރު ކުންފުންޏެއްގެ ގޮތުގައި ހަދަން،" އެ ކުންފުނިން އިނގިރޭސިވިލާތާއި އަޔަލެންޑަށް ކަނޑައަޅާފައި ހުންނަވާ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ޗީފް މާކެޓިން އޮފިސަރު ގެރެތު ހެލްމް ވިދާޅުވި އެވެ. "އަހަރެމެންނަށް އެނގޭ މި ކުންފުނީގެ ކަސްޓަމަރުންނާއި އާއިލާތަކަކި އަބަދު ވެސް މެކްޑޮނަލްޑްސްއާ ދޭތެރޭ އުންމީދުތަކެއް ކުރާ ބައެއްކަން. އެހެންވީމަ އެ އުންމީދުތަކާ އެއްވަރަށް އަހަރެމެން މަސައްކަތްތައް ވެސް ކުރަން ޖެހޭނެ."

މެކްޑޮނަލްޑްސް އިން ބުނިގޮތުގައި މި މަހުން ފެށިގެން އެ ކުންފުނިން ކަރުދާސް ޓޯއިގެ ޓްރައިލްތައް ފަށާނެ އެވެ. އަދި މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް އަންނަންވާ އިރަށް ހެޕީ މީލްސްގެ ޕެކެޖްގައި ބޭނުންކުރާ ކަރުދާހަކީ ފޮތްތަތަކުގެ ބޭރުގައި ކަވަރެއްގެ ގޮތުގައި ލެވޭ ކަރުދާހަކަށް ހަދާނެ ކަމަށް ވެސް ބުންޏެވެ.