ހާލުގައި ޖެހުނު މީހުންނަށް މަޓާޓޯ، އެންބީއޭއެމް އާއި ކޮކާކޯލާއިން ކާބޯތަކެތި ފޯރުކޮށްދެނީ

ކޮވިޑް-19 އާ ގުޅިގެން، އެކި ސަބަބުތައް މެދުވެރިވެގެން ހާލުގައި ޖެހިފައިވާ މީހުންނަށް އަމިއްލަ ދެ ޖަމިއްޔާ އަކާއި އަމިއްލަ ކުންފުންޏެއް ގުޅިގެން ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި އެވެ.


މިކަމުގައި ހަރަކާތްތެރިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާއި ކޮކާކޯލާއިންނެވެ.

އެ ތިން ފަރާތުން މަސައްކަތް ކުރަނީ އެއް މަސް ދުވަހުގެ ތެރޭގައި 500 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. މިގޮތަށް ފޯކަލް ޕޮއިންޓްތަކާ ގުޅިގެން، ކާބޯތަކެތި އަންނަނީ އެ މީހުންނަށް ދެމުން ކަމަށް މަޓާޓޯ އިން ބުނެ އެވެ. އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.

މި ހަރާކާތުގެ ތެރެއިން މިއަދާ ހަމައަށް 5،000 އެއްހާ "މީލް ޕެކޭޖް" ވަނީ އެކި މީސްމީހުންނަށް ބަހައިފަ އެވެ. އަދި މަހެއްގެ ތެރޭގައި 30،000 އެއްހާ "މީލް ޕެކޭޖް" ޑެލިވާ ކުރެވޭނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތް މި ދުވަސްވަރު މިއީ އުނދަގޫ ކަމަކަށް ވިޔަސް ބަރާބަރަށް ކާބޯތަކެތި ފޯރުކޮށްދިނުން ކުރިއަށް ގެންދާ ކަމަށް މަޓާޓޯ އިން ބުނެ އެވެ. ކާބޯތަކެތި ތައްޔާރު ކުރަނީ ސަލްސާ ރެސްޓޯރަންޓުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ މި މަހުގެ 15 ން ފެށިގެން ލޮކްޑައުން ކުރުމުން އެކި ސަބަބުތަކާ ހެދި ހާލުގައި ޖެހުނު 100 އަށް ވުރެ ގިނަ މީހުން ސަރުކާރުން އަންނަނީ ވަގުތީ ހިޔާތަކުގައި ބަލަހައްޓަމުންނެެވެ. އަދި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅެމުން އައި ބިދޭސީންތަކެއް ވެސް ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ.