އެމްޓީސީސީން ދުވާފަރު މަގުތަކުގެ ބޮޑު ބައެއް ނިންމައިފި

ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ 67 ޕަސެންޓް މަސައްކަތް އެމްޓީސީސީން ފުރިހަމަކޮށްފި އެވެ.


މި މަސައްކަތުގެ ދަށުން 12 މަގެއްގެ 3،312 މީޓަރު ސަރަހައްދެއްގައި، މަގުތަކުގައި ތާރު އެޅުމުގެ ކުރިން އަޅާ ފަށަލަ ވަނީ އަޅައިފަ އެވެ. މަގުގައި ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ހަދައި މަގުތަކުގައި ބައްތި ހަރުކޮށް އަދި ފެން ހިންދާ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނެ އެވެ. މި މަސައްކަތްތަކަށް 47 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ކޮވިޑް-19 ގެ ތެރޭގައި ވެސް އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ ގިނަ ޕްރޮޖެކްޓްތައް ހުއްޓާނުލައި ކުރިއަށް ގެންދަމުންނެވެ.

އެގޮތުން އެއާޕޯޓް ޕްރޮޖެކްޓްތަކާއި ބަނދަރު ހެދުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދެ އެވެ.