ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ރިޕޯޓު އާއްމު ކުރަން ފަށައިފި

ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރަން ފަށައިފި އެވެ.


މިއީ މިގޮތަށް ބީލަންތަކުގެ މައުލޫމާތު އެ މިނިސްޓްރީން އާއްމު ކުރާ ފުރަތަމަ ފަހަރެވެ.

ފިނޭންސް މިނިސްޓްރީން ރޭ ބުނީ ބީލަންތަކަގެ މައުލޫމާތު ހާމަކުރަން ފެށުމުން، އެ މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް، ބީލަމަށް ކުރިމަތިލީ ފަރާތްތަކާއި އެ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތައް އެނގޭނެ ކަމަށެވެ. އަދި އިވެލުއޭޝަންގެ މަރުހަލާގައި ފާސްވި މީހުންނާއި ފާސް ނުވާ މީހުން ވެސް ވެބްސައިޓުން އެނގޭނެ ކަމަށް ފިނޭންސުން ބުނެ އެވެ.

އެ މައުލޫމާތުތަކުގެ އިތުރުން، އެއްވެސް ސަބަބަކާ ހުރެ ބީލަން ކާމިޔާބު ނުވާ ފަރާތްތައް އިވެލުއޭޝަނުން ދަށްވި ސަބަބާއި މަސައްކަތް އެވޯޑު ކޮށްފައިވާ އަގާއި މުއްދަތު ހިމެނޭ ގޮތަށް ހުއްދަ ދީފައިވާ ދުވަހާއި ހުއްދަ ދިން ފަރާތުގެ މައުލޫމާތު ވެސް ވެބްސައިޓުން ބަލައިލެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިވަގުތު، ވެބްސައިޓުގައި އާންމު ކޮށްފައި ވަނީ ހަމައެކަނި މި އަހަރުގެ ބީލަންތަކުގެ މައުލޫމާތެވެ. އެކަމަކު، މިދިޔަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ބީލަންތަކުގެ މައުލޫމާތު ވެސް މި މަސް ނިމުމުގެ ކުރިން އާއްމުކުރާނެ ކަމަށް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް، ކުރިއަށް ގެންދާ ބީލަންތަކުގެ އިވެލުއޭޝަން ޚުލާސާ އާންމު ކުރަން ފެށުމަކީ ދައުލަތުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.