މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 7.5 ޕަސެންޓު އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ޝާއިއުކުރާ، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އޭޕްރީލްގެ މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ ވަނީ 15.4 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 ޕަސެންޓުގެ އިތުރުވުމެކެވެ. 

އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ)އިން ލިބުނު އާމްދަނީ އިތުރުވުމެވެ. މިގޮތުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 11.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޖުމްލަ ޓެކްސް އާމްދަނީ 30 އޭޕްރީލްގެ ނިޔަލަށް 12.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.0 ޕަސެންޓުގެ އިތުރުވުމެކެވެ.

ނަމަވެސް، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ވަނީ 3.3 ބިލިއަން ރުފިޔާއިން ތިން ބިލިއަނަށް ދަށްވެފަ އެވެ. 

ދައުލަތަށް ލިބުނު އާމްދަނީ އަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތުގެ ހަރަދުތައް ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ ހަރަދުގެ ގޮތުގައި ރެކޯޑު ކޮށްފައިވާ 14.3 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ޖުމްލަ ހަރަދުގެ އެންމެ ބޮޑު ބައެއް އަބަދުވެސް ހިއްސާކުރާ، ރިކަރަންޓް ހޭދަ ވަނީ 11.1 ޕަސެންޓު އިތުރުވެ، 12.6 ބިލިއަން ރުފިޔާ އަށް މަތިވެފަ އެވެ.

މި މުއްދަތުގައި ރިކަރަންޓް ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް މުސާރަ އާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 ޕަސެންޓުގެ އިތުރުވުމެކެވެ.

މުސާރަ އާއި އިނާޔަތްތައް އެއްހަމަކުރުމުގެ ބޮޑު ބައެއް ނިމިފައިވާއިރު، މުސާރަ އާއި އުޖޫރަ އަދި ޕެންޝަންގެ ޚަރަދުތައް ހުރީ ޖުމްލަ 5.3 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 10.1 ޕަސެންޓު އިތުރު އަދަދެކެވެ.

ނަމަވެސް، ޓޫރިޒަމް ޓެކުހުން ލިބުނު އާމްދަނީއާ އެކު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ އާމްދަނީ ހުރީ ހަރަދުތަކަށްވުރެ މަތީގަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުނުއިރު، ދައުލަތުގެ މާލީ ހިސާބުތައް ހުރީ އެއް ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގަ އެވެ.