މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) މަޝްރޫއުގެ ސްކޯޕަށް ބޮޑު ބަދަލެއް ގެންނަމުންދާ ކަމަށް ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި މާލީ ފްރީޒޯނެއް ގާއިމްކުރަން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި "ޕްރެސާ ވިތު ދަ ސްޕޮކްސް"ގައި ނޫސްވެރިއަކު އެ މަޝްރޫއުއާ ގުޅޭގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން މަޝްރޫއުގެ ސްކޯޕަށް ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
"އެ ބޭފުޅުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނެވި ކަމަށް ވަނީ. އޭގެ މާނައަކީ އެ ބޭފުޅުން ފުރަތަމަ މަޝްރޫއު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާބެހޭ ފަރާތްތަކުން ރިވައިސްޑް ސްކޯޕްގެ ފީޒިބިލިޓީ އާއި އެޕްރޫވަލްސް ކުރިއަށް އެދަނީ،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އެ މަޝްރޫއު ނުހުއްޓޭ ކަމަށާއި ސްކޯޕަށް ގެނައި ބަދަލުތަކުގެ ފީޒިބިލިޓީ އަދި އިތުރަށް ބަލަންޖެހޭ އެހެން ކަންކަމަށް ބެލުމަށްފަހު އެކަމުގައި ގޮތެއް ސަރުކާރުން ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ގާއިމްކުރާ މާލީ ފްރީ ޒޯނާ ގުޅޭގޮތުން ސަރުކާރުން ކުރިން ބުނެފައިވަނީ އެއީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ އެކު އިތުރު އިންވެސްޓަރުންނާއެކު ރާއްޖެއިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ސަރުކާރުން އޭރު ބުނެފައިވެ އެވެ.
އެ ސެންޓަރު ގާއިމްކުރަނީ 780,000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެ ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަހައްދަށް ޒިޔާރަތްކުރާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެ ސެންޓަރުގެ މަސައްކަތް 2030 ވަނަ އަހަރު ނިންމުމަށް ރާވާފައިވާއިރު، އެ މަޝްރޫއުގެ މަގްސަދަކީ ފުރަތަމަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ މިންވަރަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދުމެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އެތަނުގެ އެންމެ މައި މަރުކަޒަކީ 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެކެވެ. އަދި ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވަން ވަނީ ރާވައިފަ އެވެ.
އޭރު އާންމުކުރި ޕްލޭންގައި ހިމެނެނީ ބައިނަލްއަގުވާމީ މައި އޮފީސްތަކާއި ސަރަހައްދީ އޮފީސްތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ ފާހަގަކުރެވޭ ތިން ރެސިޑެންޝަލް އަދި އޮފީސް ޓަވަރުތަކާއި މަތީ ފެންވަރުގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ދުނިޔޭގެ ނަން މަޝްހޫރު ހޮޓާ ބްރޭންޑްތަކާއި ފުރިހަމަ އަދި ތަފާތު ރީޓެއިލް ތަޖުރިބާއަކާއި އޯޝަނޮގްރަފިކް މިއުޒިއަމްއަކާއި މިސްކިތެއްގެ އިތުރުން އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތަކެވެ.