މާލޭގެ ގެސްޓު ހައުސްތައް ހުޅުވުމުގެ ޓާގެޓަކީ ކޮވިޑް ކޭސްތައް ފަސް ޕަސެންޓަށް ދަށްކުރުން

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބަންދު ކޮށްފައިވާ، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އަލުން ހުޅުވޭނީ ވިދިވިދިގެން ދެ ހަފުތާ ވަންދެން އެ ބަލީގެ ޕޮޒިޓިވް ކޭސްތައް ފަސް ޕަސެންޓަށް ދަށްކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.


މިދިޔަ މަހު ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީތަކެއް އަންނަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުގައި ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިކަމަށް ބޭނުންވަނީ ކޮވިޑަށް ޕޮޒިޓިވްވާ ޕަސެންޓު ދެ ހަފުތާ ވަންދެން ފަސް ޕަސެންޓަށް ދަށްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް "މިހާރު" އަށް ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވޭނީ މި ސަރަހައްދުގައި ކޮންމެ ދުވަހަކު ކޮވިޑަށް ކުރާ ޓެސްޓުތަކުން ޕޮޒިޓިވްވާ އަދަދު ފަސް ޕަސެންޓަށް ދަށްވުމުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ހާސިލުވާނެ. އެ މަގަށް މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ހާހެއްހާ ޓެސްޓު ހަދަ އެވެ. މި ރޭޓުން ބަލައިފި ނަމަ ފަސް ޕަސެންޓަށް ދަށް ކުރުމަކީ މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 50 އަށް ވުރެ ދަށްކުރުމެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓު

މައުސޫމް ވަނީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށް އާންމުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އަންނަ މަހުގެ 15 ގައި އަތޮޅުތަކުގެ ހުރިހާ ގެސްޓު ހައުސްތަކެއް ހުޅުވަން ނިންމައިފަ އެވެ. އެކަމަކު، މާލެ ސަރަހައްދުގައި ކޮވިޑް-19 އަދިވެސް ހަލުވި ކަމާއެކު ފެތުރޭތީ، ގެސްޓް ހައުސްތައް ހުޅުވާލުން އެ މިނިސްޓްރީން ވަނީ ފަސްކޮށްފަ އެވެ. މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް މިވަގުތު ބޭނުން ކުރަމުން އަންނަނީ ޓްރާންސިޓް ތަންތަނުގެ ގޮތުގަ އެވެ.

ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވޭނީ އެ ރަށެއްގެ ކައުންސިލުން އެކަމުގެ ހުއްދަ ދީ ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުންނެވެ. މިނިސްޓްރީން މިހާރު ވަނީ ގެސްޓް ހައުސްތައް ހުޅުވާލާއިރު އެ ތަނަކުންނާއި ރަށު ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ގައިޑްލައިނެއް ވެސް ތައްޔާރުކޮށްފަ އެވެ.