ގޫގުލް އެސިސްޓަންޓް ސްމާޓް ޑިސްޕްލޭ ޑިވައިސްއެއް.
ވޮއިސް ކޮމާންޑަށް ކަންކަން ފަސޭހަކޮށްދޭ ޑިވައިސްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ދިރިއުޅުމަށް އައި ބޮޑު ފަސޭހައެކެވެ. އެހެންވެ ވޮއިސް އެސިސްޓަންޓުންގެ ދައުރު ވެސް މިހާރު އަންނަނީ ފުޅާވަމުންނެވެ.
ގޫގުލް އެސިސްޓަންޓް ހިމެނޭ ސްމާޓް ޑިސްޕްލޭތަކަށް މިހާރު ޑިޒްނީ ޕްލަސް ވެސް ގެނައީ އެވެ. މިއީ ގޫގުލް އެސިސްޓެންޓުން ޖުލައި މަހުގެ ތެރޭގައި ނެޓްފްލިކްސް ގެނައުމަށް ފަހު، ކަސްޓަމަރުންނަށް ދިން ވަރަށް ހާއްސަ ހަދިޔާއަކަށް ވާނެ އެވެ.
އެހެންވެ ޑިޒްނީ ޕްލަސް ބަލަން، ގޫގުލް އެސިސްޓެންޓްގެ ސްމާޓް ޑިސްޕްލޭ ހިމެނޭ ޑިވައިސްއެއްގައި ބަލަން ބޭނުންވާ އެއްޗެއް ބުނެލުމުން ޑިޒްނީ ޕްލަސް އިން އެ ދައްކާނެ އެވެ.
“Hey Google, play The Mandalorian.”
— Google (@Google) September 22, 2020
Starting today, all Disney+ subscribers can start streaming Disney+ instantly on Google Assistant-enabled smart displays . Learn how to set it up ↓ https://t.co/fqbnFFhpVd
ކުރަން ޖެހޭ ކަމަކީ ބަލަން ބޭނުންވާ އެއްޗެއްގެ ނަން ބުނެލުމެވެ. މިސާލަކަށް މި ވަގުތު ބަލަން ބޭނުން ވަނީ "މެންޑަލޯރިއަން" ކަމަށްވާ ނަމަ "ހޭ ގޫގުލް، ޕްލޭ ދަ މެންޑަލޯރިއަން އޮން ޑިޒްނީ ޕްލަސް" އޭ ބުނެލުމުން އެކަން ވީ އެވެ.
ގޫގުލްގެ "ނެސްޓް ހަބް" އާއި "ނެސްޓް ހަބް މެކްސް" ގައި އެއްޗެއް ބަލާއިރު ސްކްރީނުން އަތްލައިގެން ރިމޯޓަކުން ކުރެވޭ އަސާސީ ކަންކަން ވެސް ކޮށްލެވޭނެ އެވެ. ހުއްޓަން ބޭނުން ވިޔަސް، ނުވަތަ ފަހަތަށް/ކުރިއަށް މަންޒަރު ގެންދަން ބޭނުން ވިޔަސް އެކަން ޓަޗްސްކްރީނުން ކޮށްލެވޭނެ އެވެ.
މި ހިދުމަތާ ބެހޭ ގޮތުން ގޫގުލް އިން ބުނި އެ ކުންފުނީގެ "ގޫގުލް އެސިސްޓަންޓް-އިނޭބަލްޑް" ހުރިހާ ޑިސްޕްލޭތަކަށް މިހާރު އާ ފީޗާ ލިބޭނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން ޑިޒްނީ ޕްލަސް އިން އެކައުންޓާއި ގޫގުލް ހޯމް ނުވަތަ އެސިސްޓަންޓް އެޕާ ލިންކްކޮށްލަން ޖެހޭނެ އެވެ.
މި ހިދުމަތް މި ވަގުތު ލިބެނީ ބައެއް ގައުމުތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާ އާއި ކެނެޑާ އާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ސްޕެއިނާއި އިޓަލީ އާއި ފްރާންސާއި އޮސްޓްރިއާ އާއި އަޔަލެންޑާއި އޮސްޓްރޭލި އާއި ނެދަލެންޑްސް އާއި ނިއު ޒީލެންޑާއި ސްވިޓްޒަލެންޑެވެ.
ގޫގުލް އިން ބުނީ މާ ލަސްތަކެއް ނުވެ އިތުރު ސަރަހައްދުތަކަށް އާ ފީޗާ ލިބެން ފަށާނެ ކަމަށެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ސަރީފު
24 September 2020
ޑިޒްނީ ޕްލަސް ރާއްޖެ ގެންނަން ބަޔަކު މަސައްކަތް ކޮއްދީބަލަ/