ލ. ފޮނަދޫ މަގުތަކުގައި މި މަހު ތާރު އަޅަން ފަށަނީ

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.


މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތެވެ. މި މަސައްކަތް ނިމުމާ އެކު ތާރު އަޅަން ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 3.5 ކިލޯ މީޓަރު ހުންނަ 12 މަގެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން 27،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމްކުރާނެ އެވެ. މަގުތަކުގައި ސްޕީޑް ބްރޭކާ ލުމާއި ނިޝާންތައް ހަރުކުރުން ވެސް މަޝްރޫއުގައި ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފެށި މި މަޝްރޫއަށް 25.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.