މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތުގެ އެއްބައި މިއަދު ފަށާނެ ކަމަށާއި އެ މަގުގައި ހުރި އުޅަނދުތައް ނުނަގާ ނަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއުގެ ދެވަނަ ސެގްމެންޓުން ފެށިގެން ފަސް ވަނަ ސެގްމެންޓާ ހަމައަށް އަމަލީ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ.
އެހެންވެ، ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުގެ ގޮތުން ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް މަގު މިއަދު ބަންދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ހެންވޭރު ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ބަންދުކުރެވޭނީ މާދަމާ އެވެ. އަދި އޭގެ ފަހުން ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް މިއަދުން ފެށިގެން މާދަމާ ހެނދުނު 9:00 އާ ހަމައަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ އެވެ. އެކަމަކު އެ މުއްދަތުގައި އުޅަނދު ނުނަގައިފި ނަމަ، ފުލުހުންގެ އިދާރާއާ ގުޅިގެން ވެހިކަލް ނަގާނެ ކަމަށް ބުންޏެވެެ.
"މި ފުރުސަތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، މި ކުންފުނީގެ ފަރާތުން އެންމެހާ ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ."
އެ މަސައްކަތް ފަށާނީ ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލު އާންމުކޮށްފަ އެވެ. ކުރިން އެތެރެއިން ގޮސް، ބާސެލޯ ނަސަންދުރަ ކައިރިން ބޭރު މަގަށް ނިކުމެވޭ ގޮތަށް އޮތް އޮތުމުގެ ބަދަލުގައި އެ މަގުން އެތެރެއަށް ވަދެވޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ އިތުރުން ބޭރު މަގަށް ވަދެވޭ ގޮތަށް އޮންނަ ހުރަސް މަގުތައް ވެސް ބަންދުކޮށްފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން މިރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކް ފްލޯ އަށް އެ ބަދަލުތައް އަންނާނެ އެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، އެ މަގު ބަންދުކުރުމުގެ ކުރިން ނަގަން އަންގާފައިވެ އެވެ.
އެ މަޝްރޫއުގައި އެންމެ ފުރަތަމަ ކުރިއަށް ދާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް މަގު ހެދުމެވެ. އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ މިމަހުގެ 30 އިން ފެށިގެން މަސައްކަތް ނިމެންދެން ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
ކައުންސިލުން ބުނެފައިވާ ގޮތުގައި ފަސް ނަމްބަރު ފާލަމުން ފެށިގެން ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އަންނަ އޭޕްރީލް 17 ގަ އެެވެ.
މިހާރު ޝެޑިއުލްގައިވާ ގޮތުން މުޅި މަގުގެ މަސައްކަތް އަންނަ މަހު ނުވަތަ މެއި މަހު އެއްކޮށް ނިންމާނެ އެވެ.