މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް މާދަމާ ފަށާތީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެންނަން ފުލުހުން ނިންމައިފި އެވެ.
ފުލުހުން ރޭ އާންމުކޮށްފައިވާ ޗާޓުން ފެންނަ ގޮތުގައި މަގު ހެދުމުގެ މަސައްކަތަށް ބޭރު މަގުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޗާންދަނީ މަގާ ހަމައަށް މިރޭގެ ދަންވަރު 12:00 އިން ފެށިގެން ބަންދުވާނެ އެވެ. ބޭރު މަގަށް ވަދެވޭ ގޮތަށް އޮންނަ ހުރަސް މަގުތައް ވެސް އެ ވަގުތުން ފެށިގެން ބަންދުވާނެ އެވެ.
އެހެންވެ، ވަނީ ކުރިން އެތެރެއިން ގޮސް، ބާސެލޯ ނަސަންދުރަ ކައިރިން ބޭރު މަގަށް ނިކުމެވޭ ގޮތަށް އޮތް އޮތުމުގެ ބަދަލުގައި އެ މަގުން އެތެރެއަށް ވަދެވޭ ގޮތް ހަދަން ނިންމައިފަ އެވެ.
އެ ބަދަލާ އެކު، ހެންވޭރު ފެރީ ޓާމިނަލް ކުރިމަތިން ނަސަންދުރަ ކައިރީގައި އޮންނަ ހަނި ގޯޅިން އެތެރެ އަށް ވެހިކަލްތަކުގައި ދެވޭނެ އެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫރުގެ ދަށުން ސެގްމެންޓް ދެއަކުން ފަހަކަށްވާ ސަރަހައްދުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ މިރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކް ފްލޯ އަށް އެ ބަދަލުތައް އަންނާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، އެ މަގު ބަންދުކުރުމުގެ ކުރިން ނަގަން އަންގައިފަ އެވެ. އެކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މާފަށް އެެދި ފުލުހުން ވަނީ އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.
މަގު ފުޅާކުރާތީ މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ވެސް ނިންމައިފަ އެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ހޮނިހިރުގައި އެ މަސައްކަތް ފަށަން އޮތީ ނިންމައިފަ އެވެ. އަދި އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު ކަމަށާއި އެހެންވެ މަސައްކަތް ނިމެންދެން އެތަން ބަންދުވާނެ ކަމަށް ބުނެފައިވެ އެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ މިމަހުގެ 30 އިން ފެށިގެން މަސައްކަތް ނިމެންދެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ފަސް ނަމްބަރު ފާލަމުން ފެށިގެން ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އަންނަ އޭޕްރީލް 17 ގައި ކަމަށެވެ.
އެ މަސައްކަތް ފަށާތީ މާދަމާ އިން ފެށިގެން ހެންވޭރު ޓާމިނަލުން ފުރާ އަތޮޅު ފެރީތައް ލަފާ ފުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލުންނެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކުރިން ވިދާޅުވެފައިވާ ގޮތުގައި މިހާރު ޝެޑިއުލްގައިވާ ގޮތުން މުޅި މަގުގެ މަސައްކަތް އަންނަ މަހު ނުވަތަ މެއި މަހު އެއްކޮށް ނިމޭނެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުން ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.