މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށް އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގެ މަގު ތަރައްގީކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނި ގޮތުގައި އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ މިމަހުގެ 30 އިން ފެށިގެން މަސައްކަތް ނިމެންދެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ 5 ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އޭޕްރީލް 17 ގައި ކަމަށެވެ.
ކައުންސިލުން ވަނީ މިއަދުން ފެށިގެން މަގު ފުޅާކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން އެ ސަރަަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑު ނުކުރުމަށާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގައިފަ އެވެ.
ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން ރޯދަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކުރިން ވިދާޅުވެފައިވެ އެވެ.
އޭނާ އޭރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ޝެޑިއުލްގައިވާ ގޮތުން މުޅި މަގުގެ މަސައްކަތް އަންނަ މަހު ނުވަތަ މެއި މަހު އެއްކޮށް ނިމޭނެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު ދަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުން ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.