މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީ ކުރަން ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ފަށާނެ ކަމަށާއި މުޅި މަގުގެ މަސައްކަތް އަންނަ އޭޕްރީލް/ މެއި އަށް ނިމޭނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެ އެވެ. 

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ޗާނދަނީ މަގުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރު އަޅައި އެ ތަން އާންމުންނަށް ވަނީ ރޭގައި ހުޅުވާލައިފަ އެވެ. 

އެ ސަރަހައްދު އާންމުންނަށް ހުޅުވާލުމުގެ ކުރިން އިއްޔެ ބައެއް މިނިސްޓަރުންނާ އެކު، އެމްޓީސީސީގެ އިސްވެރިން ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން މަގުގެ އެއް ފަޅީގައި ގަސް އިންދައިފަ އެވެ. 

އެ ސަރަހައްދުގައި ހުންނަވައި މީޑިއާއާ ވާހަކަ ދައްކަވަމުން، ސައުދީ ވިދާޅުވީ އެކި ސެގްމެންޓްތަކަށް ބަހާލައިގެން ދެން މަސައްކަތް ފަށާނީ އިއްޒުއްދީން ޖެޓީ ނުވަތަ ރަސްމީ ފާލަމުން ފެށިގެން އެމްޓީސީސީ ޓާމިނަލާ ހަމައަށް އޮތް ސަރަހަައްދު ތަަރައްގީ ކުރުމަށް ކަމަށެވެ. 

އެ ސަރަހައްދުގެ މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ރޯދަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ސައުދީ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، މިހާރު ޝެޑިއުލްގައިވާ ގޮތުން މުޅި މަގުގެ މަސައްކަތް އަންނަ އޭޕްރީލް ނުވަތަ މެއި މަހު ނިންމޭނެ އެވެ. 

"އިއްޒުއްދީން ޖެޓީން ފެށިގެން އިރަށް، ހެންވޭރު ޓާމިނަލާ ހަމައަށް ދާނެ އެކި ސެގްމެންޓްތަކަށް. އެހެންވީމާ ރަމަޟާން މަސް ތެރޭގައި އެކަން ވެސް ފައްޓައިގެން، ޝީޓްޕައިލްގެ މަސައްކަތް ފައްޓައިގެން ކުރިއަށް ދާނެ. ގޮސް ގާތްގަނޑަކަށް އޭޕްރީލް މެއި ހިސާބަށް ވާންވާއިރަށް އަޅުގަނޑަށް ހީވަނީ މުޅި މަގު ނިންމާލެވޭނެހެން މިހާރު ޝެޑިއުލް ކުރެވިފައިވާ ގޮތުން،" އެމްޓީސީސީގެ އެމްޑީ ވިދާޅުވި އެވެ. 

ބޮޑުތަކުރުފާނު މަގުން ބާޒާރުމަތީ ސަރަހައްދުގެ މަގުގައި ތާރު އަޅައި، ފުޅާކުރުމުގެ މަސައްކަތް ނިންމައި އެތަން ރޭ ހުޅުވާލިއިރު، ސައުދީ ވިދާޅުވީ އެ މަސައްކަތުގައި އެންމެ ދަތިވީ ހަރު އައިނުގަނޑުތަކާ ހެދި މަސައްކަތުގެ ސްޕީޑު ލަސްވެގެން ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މަސައްކަތް ނުކުރެވި މަޑުކުރަން ޖެހޭ މައްސަލަ ވެސް ދިމާވި ކަމަށް ސައުދީ ވިދާޅުވި އެވެ.  

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަަރައްގީކޮށްފައިވާ ސަރަހައްދުގައި ގަސް އިންދައި އެ ސަރަަހައްދު މިނިސްޓަރުން ބައްލަވާލައްވަނީ .-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަަރައްގީކޮށްފައިވާ ސަރަހައްދުގައި ގަސް އިންދައި އެ ސަރަަހައްދު މިނިސްޓަރުން ބައްލަވާލައްވަނީ .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައުދީ ވިދާޅުވީ އިތުރު ކުންފުނިތަކުގެ ވެސް އެހީތެރިކަމާ އެކު، އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ. އަދި މަގު ފުޅާކުރުމުގެ ސަބަބުން ބަސް ފަދަ ބޮޑެތި ވެހިކަލްތަކަށް ވެސް ލުއި ފަސޭހަކަމާ އެކު ދަތުރުކުރުމަށް މަގު ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ ކުރިން އެއީ ހަނި މަގަކަށްވާ ތީ އެ މަގުން ބަސް ދަތުރެއް ނުކުރެ އެވެ. 

"މާލޭ ސިޓީ ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހާއްސަ ތަސައްވަރުގެ ދަށުން މާލޭގެ އެންމެ ބޮޑު އެއް އަމާޒު މިއީ [މަގު ހެދުން] އެމްޓީސީސީއާ ހަވާލުކޮށްގެން މި މަސައްކަތް މި ނިންމާލެވުނީ،" އޭނާ ވިދާޅުވި އެވެ.

ބާޒާރުމަތީ މަގުގައި ތާރު އަޅާފައި. ކުރިން އެއް ފަޅިން ދުއްވޭ އެ މަގު ހުޅުވާލީ ދެ ފަޅިއަށް ވެސް ދުއްވޭ ގޮތަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ބާޒާރުމަތީ މަގުގައި ތާރު އަޅާފައި. ކުރިން އެއް ފަޅިން ދުއްވޭ އެ މަގު ހުޅުވާލީ ދެ ފަޅިއަށް ވެސް ދުއްވޭ ގޮތަށް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ސަރަހައްދުގައި ގަސް އިންދުމަށް ފަހު، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީޑިއާތަކަށް ވިދާޅުވީ އެންމެ ކާރޫބާރޫބޮޑު އެ މަގަކީ ކުރިން އެއްކޮޅަށް ދުއްވާ މަގެއް ނަމަވެސް އޭގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވާތީ މަގު ފުޅާކޮށް، ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ބަދަލުކޮށްފައިވާ ކަމަށެވެ. 

"އެހެންވީމަ އެ ގޮތަށް ކަނޑައެެޅީމަ މި ސަރަހައްދުގެ ކާރޫބާރޫބޮޑުކަމަށް ދިމާވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއާ އެކު، މުދާ އަރުވައި ބޭލުމުގެ މަސައްކަތްތަކަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރަނީ." 

މުއްތަލިބު ވިދާޅުވީ ވަކިން އޮތް ބަނދަރު ސަރަހައްދާއި އަލަށް ތަރައްގީ ކޮށްފައިވާ ބަނދަރު ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އެމްޕީއެލުން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގު ހަދާފައި ވަނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމާ އެކު އެވެ. އެކަމަކު އަދި ޕަމްޕްތައް ލުމަށް ކުޑަ ދުވަސްކޮޅެއް ވާނެ ކަމަށާއި އެކަމަކު ސިސްޓަމު ގާއިމުކުރުމުން މަގުގައި ފެންބޮޑުވާ މައްސަލަ ވެސް ހައްލުވާނެ ކަމަށް ވިދާޅުވި އެވެ. 

ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.