މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހި ފަށަން ތައްޔާރުވަމުން އަންނާތީ ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ހިދުމަތް މާފަންނު ފެރީ ޓާމިނަލް [ވިލިމާލެ ފެރީ ޓާމިނަލް] އާއި ހުޅުމާލެ ފެރީ ޓާމިނަލަށް ބަދަލުކުރަން އެމްޓީސީސީން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ އެ ބަދަލު ގެންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ކަަމަށެވެ. އެހެންވެ، ހެންވޭރު ޓާމިނަލުން ފުރާ އަތޮޅު ފެރީތައް އެ ދުވަހުން ފެށިގެން ލަފާ ފުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލޭ ފެރީ ޓާމިނަލުން ކަމަށެވެ.
އެ ބަދަލާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްވަރު 1650 އަށް ގުޅުމުން ލިބޭނެ ކަމަށް ބުންޏެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކުރުމަށް އެ ސަރަހައްދުގެ ފަޅު ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތް ފަށަން ސަރުކާރުން ތާވަލް ކޮށްފައި ވަނީ އަންނަ ހޮނިހުރި ދުވަހު އެވެ.
މާލެ ސިޓީ ކައުންސިލުން މި ހަފުތާގައި ކުރި އިއުލާނެއްގައިވާ ގޮތުން އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ މަސައްކަތް ނިމެންދެން ބަންދުވާނެ ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެ އެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް ފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނީ މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިމެންދެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި ފަސްވަނަ ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އޭޕްރީލް 17 ގަ އެވެ.
ކައުންސިލުން ވަނީ ބޮޑތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ސަރަަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑު ނުކުރުމަށާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގައިފަ އެވެ.
ރަސްމީ ފާލަމުން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީ ކުރަން މި ރޯދަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކުރިން ވިދާޅުވެފައިވެ އެވެ.
އޭނާ އޭރު ވިދާޅުވެފައިވާ ގޮތުގައި މިހާރު ތާވަލް ކޮށްފައިވާ ގޮތުން މުޅި މަގުގެ މަސައްކަތް އަންނަ މަހު ނުވަތަ މެއި މަހު އެއްކޮށް ނިމޭނެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް މި ސަރުކާރުން ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުން ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.
ބޭރު މަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.