ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ މީރާގެ އޮންލައިން ހިދުމަތް "ވާރުޕޭ" އިން "ދިރާގުޕޭ" މެދުވެރިކޮށް ފައިސާ ދެއްކުމުގެ ހިދުމަތް މިއަދު ތައާރަފުކޮށްފި އެވެ.

މީރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި އެ އިދާރާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއެވެ. އަދި ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ރޮބިން ވޯލް އެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ވިދާޅުވީ މި ހިދުމަތަކީ މީރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ އިދާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ. އަދި މިއީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވަމުން އަންނަ ދުވަސްވަރެއްކަމުން، މީރާއަށް ފައިސާ ދައްކާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވިގޮތުގައި މި ހިދުމަތުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރުތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމަށް އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެ އެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ތައާރަފުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާރުފޭ ހިދުމަތް މެދުވެރިކޮށް މީރާއިން އަންނަނީ ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީ އާއި، ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި، މުދަލު ޒަކާތާއި، އެއާޕޯޓު ސެކިއުރިޓީ ފާސް ޕޭމަންޓް ފަދަ ފައިސާ ބަލައިގަންނަމުންނެވެ. ވާރުޕޭގެ ހިދުމަތް މީރާގެ ވެބްސައިޓުންނާއި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ.