ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ "އޯޕަން އެކްސަސް ނެޓްވޯކް" މެދުވެރިކޮށް ހިދުމަތް ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން މީޑިއާ ނެޓާއެކު އިއްޔެ ސޮއިކޮށްފި އެވެ.

އެޗުޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. މީޑިއާ ނެޓުން ސޮއި ކުރެއްވީ ސީއޯއޯ އަހުމަދު ނަބާހެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެޗުޑީސީގެ ވިއުގަ މެދުވެރިކޮށް މީޑިއާނެޓުގެ ހިދުމަތް މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭނެ އެވެ. މިކަމާ ގުޅިގެން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ދެ ކުންފުނި ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް އެޗުޑީސީން ބުންޏެވެ.

އެޗުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާތިފު ވިދާޅުވީ، އަމާޒަކީ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހިދުމަތްތަކުގެ އަގު ކުޑަކުރުން ކަމަށެވެ. އެގޮތުން، ފޭސް ދޭއްގައި އަޅާ ވިއުގައިގެ ސަބަބުން ހިދުމަތްތަކުގެ އަގު ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިވޮލޮޕްމަންޓް ކުންފުންޏެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އަމާޒަކީ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ހިދުމަތްތަކުގެ އަގުތަށް ކުރިއަށް އޮތް ތާނގައި ކުޑަކޮށްދިނުން. މި ގާއިމު ކުރާ ނެޓްވޯކުން އެ ފުރުސަތު މިހާރު ހިދުމަތްދޭ ފަރާތްތަކަށާއި އަލަށް ވިޔަފާރި އަށް ވަންނަ ފަރާތްތަކަށް ވެސް ލިބިގެން ދާނެ،" އާތިފު ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އޯޕަން އެކްސެސް ނެޓްވޯކުން ކޮށްދޭ ކަމަކީ އެ ނެޓްވޯކް މެދުވެރިކޮށް، އެ ތަނުގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ ޓެލެކޮމް ހިދުމަތްތައް ގުޅައި ދިނުމެވެ. އެގޮތަށް ނެޓްވޯކް އެޅުމުން ކޮންމެ ގޭބިސީއަކަށް ވަކިވަކިން ކޭބަލް އެޅުމުގެ ބަދަލުގައި ހިދުމަތްތައް ގުޅައިލާނީ އެ ނެޓްވޯކާ އެވެ.

ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އެ ނެޓްވޯކްގެ ހިދުމަތަކީ އެޗްޑީސީން އެކަމަށް އިތުރު އަގެއް ނުނަގައި ޚިދުމަތް ދިނުމަށް ޓަކައި އަޅާފައިވާ ނެޓްވޯކެކެވެ.

އެޗުޑީސީން ބުނިގޮތުގައި، އެ ނެޓްވޯކަކީ ހުޅުމާލެ "ސްމާޓް ސިޓީ"އަކަށް ހަދަން ކުރަމުން އަންނަ މަސައްކަތުގެ ބިންގަލެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް އެ ނެޓްވޯކްގެ ސަބަބުން ބޮޑެތި ފަސޭހަތައް ލިބޭނެ ކަަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އެގޮތަށް ނެޓްވޯކް އަޅާފައި އޮތުމުން މަގުތައް އިތުރަށް ކޮންނަން ނުޖެހި، މަގުތަަކަށް ލިބޭ ގެއްލުން ވެސް ކުޑަކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.