ތިލަފުށީގައި ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިލަފުށީ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ކުއްޔަށް ދޫކުރަން ހަމަޖެހިފައި ވަނީ ތިލަފުށިން އަލަށް ހިއްކާފައިވާ ތިލަފުށި އިންޑަސްޓަރިއަލް ޒޯން (ޓީއައިޒެޑް) ސަރަހައްދުންނެވެ. އެ ގޮތުން، އެ ސަރަހައްދުން ކުއްޔަށް ދިނުމަށް ހަމަޖެހިފައި ވަނީ 1،300 އާއި 20،000 އަކަފޫޓާ ދެމެދުގެ، ޖުމްލަ 40 ބިން ކަމަށް ބުންޏެވެ.
ކުއްޔަށް ދޭ ބިންތަކަކީ:
1. 4,056 އަކަފޫޓު އަދި 5,002 އަކަފޫޓުގެ ދެ ބިން: އަލިފާން ނުހިފާޒާތުގެ ތަކެތި/ ކާނާގެ ބާވަތްތައް ނޫން ތަކެތި ގުދަންކުރުމަށް
2. 5,024 އަކަފޫޓު އަދި 5,056 އަކަފޫޓުގެ ދެ ބިން: ބަންދުކޮށްފައިވާ ކާނާ ގުދަންކުރުމަށް
3. 7,700 އަކަފޫޓު އަދި 12,466 އަކަފޫޓުގެ ހަ ބިން: ފަރުނީޗަރު ގުދަންކުރުމަށް
4. 12,472 އަކަފޫޓު އަދި 12,842 އަކަފޫޓުގެ ދެ ބިން: ހާޑްވެއާ ސާމާނު ގުދަންކުރުމަށް
5. 12,479 އަކަފޫޓު އަދި 12,503 އަކަފޫޓުގެ ދެ ބިން: އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ގުދަންކުރުމަށް
6. 16,704 އަކަފޫޓު އަދި 19,886 އަކަފޫޓުގެ ދެ ބިން: ސިނާއީ ވަސީލަތްތައް/ މެރިން ނުވަތަ ޕަވާ ޖެނެރޭޓަރު ގުދަންކުރުމަށް
7. 20,027 އަކަފޫޓު އަދި 20,067 އަކަފޫޓުގެ ދެ ބިން: އެއްގަމު އުޅަނދު ގުދަންކުރުމަށް
8. 10,028 އަކަފޫޓު އަދި 10,059 އަކަފޫޓުގެ ދެ ބިން: ކޯލްޑް ސްޓޯރޭޖް ހެދުމަށް
9. 1,499 އަކަފޫޓު އަދި 1,501 އަކަފޫޓުގެ ހަތަރު ބިން: އެއްގަމު އުޅަނދުގެ މެއިންޓެނަންސަށް (ސާފުކުރުމާއި ކުލަލުން ފަދަ ކަންކަން)
10. 2,452 އަކަފޫޓު އަދި 4,032 އަކަފޫޓުގެ އަށް ބިން: އެއްގަމު އުޅަނދުފަހަރު މަރާމާތުކުރުމަށް
11. 2,454 އަކަފޫޓު އަދި 2,462 އަކަފޫޓުގެ ދެ ބިން: މެޝިން ޝޮޕް (ލޭތު، ބޯރިން، ނުވަތަ މިފަދަ މަސައްކަތްތަކަށް)
12. 4,029 އަކަފޫޓު އަދި 4,032 އަކަފޫޓުގެ ދެ ބިން: އޮޓޯމޮބައިލް ލުބްރިކެންޓްސް އަދި ސްޕެއާޕާޓްސް ގުދަންކުރުމަށް
13. 1,385 އަކަފޫޓު އަދި 1,386 އަކަފޫޓުގެ ދެ ބިން: މެޓަލް ފެބްރިކޭޝަން މަސައްކަތް ކުރުމަށް
14. 3,464 އަކަފޫޓު އަދި 11,366 އަކަފޫޓުގެ ދެ ބިން: އެލުމިނިއަމް މަސައްކަތް ކުރުމަށް
މީގެ އިތުރުން، އެ ކޯޕަރޭޝަނުން ވަނީ ލިސްޓުގައި ނުހިމެނޭ މަސައްކަތެއް ކުރުމަށް ޝައުގުވެރިވާ ނަމަ އެކަމެއްގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:30 ގެ ކުރިން އެ ކޯޕަރޭޝަނަށް ހުށަހަޅަން ޖެހެ އެވެ.